ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންގެ ސެކިއުރިޓީ ބެލެހެއްޓުން ގައުމީ ދިފާއީ ބާރާ ހަވާލުކޮށްފައެވެ.
ދާޚިލީ ވުޒާރާގެ ތަރުޖަމާނު މިއަދުނޫހަށް އަށް މައުލޫމާތު ދެއްވި ގޮތުގައި، ވަޒީރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެމްއެންޑީއެފާ ހަވާލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. މި ނިންމުން ނިންމާފައިވަނީ "ތުރެޓް ލެވެލް" ނުވަތަ ނުރައްކާ އޮތް މިންވަރު ވަޒަންކުރާ ދަރަޖަ މަތިވުމާ ގުޅިގެންކަން އެ ފަރާތުން ހާމަކުރެއްވިއެވެ
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ދާޚިލީ ވުޒާރާގެ ދަށުން ހިނގާ މުއައްސަސާތަކުން ވަނީ ގައުމުގެ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މުހިންމު މަސައްކަތްތަކެއތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި ގޭންގު ކުށްތަކާއި، ޓްރެފިކް މައްސަލަތައް އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ.
ވަޒީރު އަލީ އިހުސާނަކީ ގައުމުގެ އެތެރޭގެ ސަލާމަތާއި އިޖުތިމާއީ ހަމަޖެހުން ގާއިމްކުރުމާ ހަވާލުވެފައިވާ ގިނަ މުއައްސަސާތަކެއް ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރެވެ. މީގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ހިމެނެއެވެ.
ވަޒީރުގެ ސެކިއުރިޓީ ބެލެހެއްޓުން އެމްއެންޑީއެފާ ހަވާލުކުރުމަކީ، އެ ފަރާތުގެ ސަލާމަތަށް އިތުރު ސަމާލުކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ނަމަވެސް، ނުރައްކާ އޮތް މިންވަރު މަތިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ދާޚިލީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.