އަންނަ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސައީދު ވިދާޅުވީ، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އޭގެ ޭގެ ތެރޭގައި އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރުމުގައާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ލިބޭނެ ފައިދާތައް ހިމެނެއެވެ.
"މިސާލަކަށް ވީޗެޓުން ޕޭ ކުރެވޭނެ. މިހާރުވެސް ރިސޯޓްތަކާއި ސަފާރީތަކާއި ގެސްޓްހައުސްތަކުގައި އެބަހުރި ޕީއޯއެސް ވީޗެޓުން ޕޭ ކުރެވޭ. ވަރަށް ބޮޑު ލުޔެއް ހަޤީޤަތުގައި ލިބިގެން މިދަނީ. މީގެއިތުރުން އެބޭފުޅުންގެ އަމިއްލަ ފައިސާއިން އަގުދެއްކުމަށްވެސް މީގެ ސަބަބުން މަގުފަހިވެގެންދާނެ" ވަޒީރު ސައީދު ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ދެ ޤައުމަށްވެސް ފައިދާވާނެ ގޮތަށް ވެވިފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެނިހެން ވިޔަފާރިތަކަށްވެސް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.