ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ: ހީނާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ: ހީނާ

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ރައީސްގެ ނިންމެވުމާ އެއްގޮތަށް ޤައުމީ ތަރައްޤީގެ ޕްލޭން 1 އަހަރުން ނިންމަވާނެ ކަމަށެވެ. މި ޕްލޭން އެކުލަވާލުމުގައި ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ތަޖުރިބާކާރުންނާއެކު މަޝްވަރާތައް ކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ކޮންމެ ސަރުކާރެއް އަންނަނީ ޤައުމުގެ ތަރައްޤީއަށް ވަރަށް ގިނަ ވަޢުދާ އެކީގަ. ސަރުކާރު ނިމި އަނެއް ސަރުކާރަށް ބަދަލުވާއިރު އަނެއްކާ ގިނަ ބަދަލުތަކެއް އެބަ ގެނޭ. އޭގެ ގެއްލުމާ ކުރިމަތިވަނީ ރައްޔިތު މީހާއަށް. އެހެންވީމަ ދެމެހެއްޓެނިވިގޮތުގައި ތަރައްޤީ ގެންނަން މި ޕްލޭން ވަރަށް މުހިންމު،" ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޚިޔާލުވެސް ހޯދާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ޑިމޮކްރަސީގެ ވަރަށް ފުރިހަމަ މިސާލެއްކަމަށްވެސް ހީނާ ފާހަގަކުރެއްވިއެވެ.
 

މިއަދު އޮންލައިން