އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށް ކްރިއޭޓިވް އިކޮނޮމީ ފަންޑް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށް ކްރިއޭޓިވް އިކޮނޮމީ ފަންޑް ތަޢާރަފްކޮށްފި

އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށްގެން ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން މިއަދު ތަޢާރަފްކޮށްފިއެވެ. މި ފަންޑް އިފްތިތާޙްކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މަޢުލޫމާތު ދެއްވިގޮތުގައި، މި ފަންޑުގެ ދަށުން 4 މައިގަނޑު ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެއީ ފިލްމް އުފެއްދުމާއި، މިއުޒިކް އުފެއްދުމާއި، އާޓްސް އެންޑް ކްރާފްޓް އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާތަކެވެ. އަދި އަންނަ އަހަރު ތެރޭގައި މި ފަންޑު އިތުރަށް ފުޅާކޮށް، އިތުރު ދާއިރާތަކަށްވެސް ފުރުސަތު ހުޅުވާލެވޭނެ ކަމަށް ބީސީސީން މަޢުލޫމާތު ދެއްވިއެވެ.

ބީސީސީން އިތުރަށް ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ލޯނު ލިބޭ ފަރާތްތަކަށް، މި ސިނާޢަތުގައި މިހާރު ހުރި ގޮންޖެހުންތަކަށް ރިޢާޔަތްކޮށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމުގެ ލުއިގޮތްތަކެއް ހިމެނެއެވެ. އަދި މި ފަންޑު އަމާޒުކުރާނީ މައިގަނޑު ގޮތެއްގައި ފްރީލާންސަރުންނާއި އުފެއްދުންތެރި އެންމެ ކުދި ވިޔަފާރިތަކަށް ކަމަށްވެސް ބީސީސީން ފާހަގަކުރެއްވިއެވެ.

މި ފަންޑުގެ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ބީސީސީން ހާމަކުރެއްވިއެވެ. މި ފަންޑަކީ ރާއްޖޭގެ އުފެއްދުންތެރި އަދި އީޖާދީޖާދީ ދާއިރާތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން