ރާއްޖޭގައި އެކްޓިވްކޮށް އޮންލައިން މެދުވެރިކޮށް ތަކެތި އުފައްދައި ވިޔަފާރިކުރާ 400 އަށްވުރެ ގިނަ ފަންނުވެރިން ތިބިކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ވަޒީރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ފަންނުވެރިންނާއި ޒުވާނުން އިންތިރާޒުކުރަމުން އަންނަ ދާއިރާއަކަށްވާތީ، މިނިސްޓްރްޓްރީން ކުޑަ ދިރާސާއެއް ކުރުމަށްފަހުއެވެ. މި ދިރާސާއިން ދައްކާގޮތުގައި ރާއްޖޭގައި އެކްޓިވްކޮށް އޮންލައިން މެދުވެރިކޮށް ތަކެތި އުފައްދައި ވިޔަފާރިކުރާ 400 އަށްވުރެ ގިނަ ފަރާތްތައް އެބަތިބިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މާކެޓުގައި އީކޮމާސް ޕްލެޓްފޯމްތަކަށް ބޭނުންވާ ސައިޒެއް ނެތްކަމަށެވެ. ނަމަވެސް މަސައްކަތް ފެށުމުން އެކަމަށް މަގުފަހިވާނެކަމަށް އެ މަނިކުފާނު ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ފުފުރުސަތުތަކުގެ ބޭނުން ހިފުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
"ދިވެހި ޒުވާނުންނަށް މި ލިބޭ ފުރުސަތުތަކުގެ އަދަދު ކުޑަވެދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ކުރިއަރާ ދެވޭނެ ޖާގަ ވަރަށް ބޮޑަށް ފުޅާވެގެންދާނެ. އޭގެ ލިމިޓެއް އޮތް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން," ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕޭޕަލް މެދުވެރިކޮށް ދާދި އަވަހަށް ކްރޮސްބޯޑަރ ޓްރާންސެކްޝަނަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރިތަކަށް ދުނިޔޭގެ ބޮޑެތި ބާޒާރުތަކުން ފުރުސަތު ފަހިކޮށްދިނުމުން ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ކުރިއަރައިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.