ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ އެހީތެރިކަން ހޯދުމަށް މިއަދު މަޝްވަރާކުރެވިއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބޭއްވި ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް، އިފާޑުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަން ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރެއްވިއެވެ.
ވަޒީރު ޝިޔާމް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި އަންހެނުންގެ ދައުރު ފާހަގަކުރައްވާ، އެ ފަރާތްތަކަށް އެހީ ބޭނުންވާ ދާއިރާތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، މެރިކަލްޗަރ ތަރައްގީ ކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތައްވެސް ވެސް ވަޒީރު ހިއްސާކުރެއްވިއެވެ.
އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމް ވެސް ދިވެހި ސަރުކާރާއެކު އޮތް ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ވުޒާރާއާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.