ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން 234 ޚަޠީބުން ތަމްރީންވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން 234 ޚަޠީބުން ތަމްރީންވެއްޖެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް 234 ޒުވާން ޚަޠީބުން ތަމްރީންވެއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި ޕްރޮގުރާމުގެ ދެ ބެޗެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. ފުރަތަމަ ބެޗުގައި 65 ޒުވާން ޚަޠީބުންނާއި ދެވަނަ ބެޗުގައި 169 ޒުވާން ޚަޠީބުން ވަނީ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްރޮގުރާމަކީ މުޖުތަމަޢުން ބަލައިގަނެފައިވާ ޕްރޮގުރާމެކެވެ. ރަށްރަށުގެ ކައުންސިލްތަކުން ޒުވާން ޚަޠީބުންނަށް މަރުޙަބާ ކިޔައި، ބޮޑެތި ޖަމާޢަތްތަކުގައި ނަމާދު ކުރުމުގެ ފުރުސަތު ފަހިކޮށްދެމުން ގެންދެއެވެ. އަދި މި ޕްރޮގުރާމަކީ ގިނަ ރަށްތަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޕްރޮގުރާމެކެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއެކު އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ރަށްތަކުގައި ޚަޠީބުން މުސްކުޅިވެފައިވުމާއި އުމުރުން ދުވަސްވުމުގެ ސަބަބުން ޚަޠީބުންގެ ދަތިކަން ހުރިކަން ފާހަގަކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ދަތިކަން ޙައްލުކުރުމަށްޓަކައި ޒުވާން ޖީލެއް މިކަމުގެ ތެރެއަށް ނެރުމަށް ފެށި މި ޕްރޮގުރާމު ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗެއް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވަޒީރު ވަނީ މީގެ ކުރިން އިޢުލާން ކުރައްވާފައެވެ. މި ޕްރޮގުރާމުގެ ސަބަބުން ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާ ކިޔުމާއި އިމާމުކަން ކުރުމުގެ ދަތިކަން ޙައްލުވެގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން