މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިއަދު ބޭއްވުނު ބައްދަލުވުމެއްގައި، ސިންގަޕޫރުގެ ޗީ އެނަރޖީ ކުންފުނިން ވަނީ ރާއްޖޭގައި އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޗީ އެނަރޖީގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި، ރާއްޖޭގައި މޮޑިއުލަރ އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ޤާއިމުކުރުމުގެ ވާހަކަ ހިމެނެއެވެ.
މިފަދަ ނިޒާމެއް ޤާއިމުކުރުމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ސަރުކާރުގެ އަމާޒުކަމުގައިވާ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
ބައްދަލުވުމުގައި، ޗީ (ސިންގަޕޫރު) އެނަރޖީގެ ފަރާތުން ހުށަހެޅި މި ޕްރޮޕޯސަލްއާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.