ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި

ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައި ހުރި އިސްލާމީ ކުތުބުޚާނާ ފާއިތުވެ ދިޔަ އަހަރުތަކުގައި ބަންދުކޮށް، އެ ތަނުގައި ހުރި ފޮތްތައް ގުދަންކޮށްފައިވާ ކަމަށެވެ. އަދި މި ކުތުބުޚާނާ އަލުން ސަލްމާން މިސްކިތުގައި ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، މި ކުތުބުޚާނާ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރިން ހުޅުވުމަށް ގަސްތުކުރައްވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ހަ ރަށެއްގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި ވެސް އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަށް ޓަކައި މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ވެސް ހިމަނުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެ ކަމަށް ވުޒާރާއިން ވަރަށް އިސްކަން ދެއްވާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާއިތުވެ ދިޔަ 10 މަސްދުވަހުގެ ތެރޭގައި ކުރެވިފައި ހުރި ކަންކަމުގެ މަޢުލޫމާތު ދެއްވުމަށް ޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

މިއަދު އޮންލައިން