ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން މިއަދު ހާމަކުރި ގޮތުގައި، އެ މަރުކަޒުގެ މުދައްރިސުން ތާޒާކޮށް، އެ ބޭފުޅުންގެ ފެންވަރު މަތިކުރުމަށް ޓަކައި ސިލްސިލާ ޕްރޮގުރާމެއް ފަށައިފިއެވެ. މި ޕްރޮގުރާމަކީ ބޭރުގެ މަޝްހޫރު ޤާރީވެރީން މެދުވެރިކޮށް ހިންގާ ޚާއްޞަ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ދަންފަޅިތައް ނަންގަވައިދެއްވަނީ މެލޭޝިއާގެ މަޝްހޫރު ޤާރީ ޑރ. ވަން ޙިލްމީއެވެ. ޑރ. ވަން ޙިލްމީގެ ކުލާސްތައް މި މަހުގެ 17 އިން 19 އަށް ކުރިއަށްދާނެ ކަމަށް މަރުކަޒުން މަޢުލޫމާތު ދެއްވިއެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވެރިއެއް ވިދާޅުވި ގޮތުގައި، މި ޕްރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މިހާރަށް ވުރެ ހަރުދަނާކުރުމާއި، ބޭރުގެ ތަޖުރިބާކާރުންގެ އަރިހުން ދަސްކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. މީގެ އިތުރުން، ދަރިވަރުންނަށް އުނގަންނައިދޭނެ އާ ގޮތްތައް ދަސްކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމަކީވެސް މި ޕްރޮގުރާމުގެ މުހިންމު މަޤުޞަދެކެވެ.
މި ޕްރޮގުރާމުގެ ސަބަބުން މުދައްރިސުންގެ ފެންވަރު މަތިވެ، ދިވެހިރާއްޖޭގައި ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް މަރުކަޒުން އުންމީދު ކުރައްވާ ކަމަށް ވެސް އެ ވެރިޔާ ވިދާޅުވިއެވެ. އަދި މުސްތަޤުބަލުގައި މިފަދަ އިތުރު ޕްރޮގުރާމްތައް ރާވައި ހިންގުމަށް ވެސް މަރުކަަރުކަޒުން ރޭވިފައިވާ ކަމަށް އެ ވެރިޔާ ހާމަކުރެއްވިއެވެ.