އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓަވައި އިސްލާމީ ހިދާޔަތު ފެތުރުއްވުމާއި އެ ކަންކަމުގައި އެހީތެރިވެދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.
މިއަދު ހެނދުނު ބޭއްވުނު ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދުގެ ސަރުކާރަކީ އިސްލާމްދީނުގެ ކަންކަމަށް ހުރުމަތްތެރިކޮށް ހިތާ، އަދި ދީނާ ގުޅުންހުރި ކަންކަން ދިވެހިރާއްޖޭގައި ނަގަހައްޓައި ދެމެހެއްޓުމަށް ވަރަށް މުހިއްމު އިސްކަމެއް ދެއްވާ ސަރުކާރެއްކަމަށެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، "ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓައި އިސްލާމްދީނުގެ ހިދާޔަތު ފެތުރެއްވުމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް." މީގެ އިތުރުން، ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވުޒާރާގެ ފަރާތުން މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިކަން ދެއްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމަކީ ދީނީ އިޖުތިމާޢީ ކަންކަމުގައި ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި 70 ވަރަކަށް ޖަމުޢިއްޔާ ވަނީ ބައިވެރިވެފައެވެ.