ތާރީހުތަކަށް ބަދަލު އައި ނަމަވެސް ރަސްމާލެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްދާނެ: ހީނާ ވަލީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތާރީހުތަކަށް ބަދަލު އައި ނަމަވެސް ރަސްމާލެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްދާނެ: ހީނާ ވަލީދު

ރަސްމާލެ މަޝްރޫޢުގެ ތާރީޚުތަކަށް ބަދަލު އައި ނަމަވެސް، އެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފިއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދަކީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ހުރިހާ އެންމެންނަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަން ލިއްބައިދިނުމަށް ރައީސް ބޭނުންފުޅުވާ ކަމަށާއި، މި އަހަރުގެ ބަޖެޓުގައި އެ މަސައްކަތްތައް ހިމެނުމަށް އެދިވަޑައިގެންނެވީ އެ ސަބަބާ ގުޅިގެން ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ރަސްމާލެ މަޝްރޫޢުގެ ފައިސާ ބަޖެޓުގައި ހިމަނަން ދެކޮޅު ހެދި ނަމަވެސް، މަޝްރޫޢު އަވަހަށް ނިންމުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް ދިމާވި ބައެއް ދަތިތަކާ ގުޅިގެން މަޝްރޫޢުގެ މަސައްކަތް ލަސްވެފައިވާކަން ސަރުކާރުން ޤަބޫލުކުރައްވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

"ބަޖެޓު ފާސްވިއިރު އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވޭގޮތަށް ބަޖެޓު ފާސްކުރީ އޭރުގެ މަޖިލީހުން. ރަސްމާލެއަކީ ރައީސްގެ ބޮޑު ވަޢުދެއް. ތާރީޚަށް ބަދަލު އަޔަސް، ވަރަށް ކާމިޔާބު މަޝްރޫޢުއެއްގެ ގޮތުގައި މަޝްރޫޢު ކުރިއަށްދާނެ،" ހީނާ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާއިރު، މި މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. ނަމަވެސް މަޝްރޫޢުގެ މަސައްކަތް ފެށުމަށް ދިމާވެފައިވާ ލަސްތަކާ ގުޅޭގޮތުން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވަމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން