ފަލަސްޠީނުގެ ބިންތަކުން ޒަޔަނިސްޓް އިސްތިޢުމާރު ނިމުމަކަށް ގެނައުމަށް ހުށަހެޅި ޤަރާރަށް ރާއްޖެއިން ވޯޓުދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފަލަސްޠީނުގެ ބިންތަކުން ޒަޔަނިސްޓް އިސްތިޢުމާރު ނިމުމަކަށް ގެނައުމަށް ހުށަހެޅި ޤަރާރަށް ރާއްޖެއިން ވޯޓުދީފި

ފަލަސްޠީނުގެ ބިންތަކުގައި ޒަޔަނިސްޓް ދައުލަތުން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނައުމަށް 12 މަސްދުވަހުގެ މުހުލަތެއް ދިނުމަށް ފަލަސްޠީނުން އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށް ވޯޓު ދީފިއެވެ.

މި ޤަރާރަށް ވޯޓު ދިން 124 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. މި ޤަރާރުގައި ވަނީ ފަލަސްޠީނުގެ ބިންތަކުގައި ޒަޔަނިސްޓް ދައުލަތުން ހިންގަމުންދާ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނައުމަށް 12 މަސްދުވަހުގެ މުހުލަތެއް ކަނޑައަޅާފައެވެ.

މި ޤަރާރު ފާސްވެފައިވަނީ، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް ޒަޔަނިސްޓުން ހިންގަމުންދަނީ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަމެއްކަމަށް ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިރުޝާދީ ލަފައެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

ދިވެހިރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ ހުރިހާ ޕްލެޓްފޯމެއްގައި ފަލަސްޠީނުގެ ބިންތަކުގައި ޒަޔަނިސްޓުން ހިންގަމުންދާ އިސްތިޢުމާރު ކުށްވެރިކުރަމުންނެވެ. މިފަދަ ޤަރާރުތަކަށް ވޯޓު ދިނުމަކީ ފަލަސްޠީނުގެ މިނިވަންކަމަށް ރާއްޖެއިން ދެމުންދާ ތާއީދުގެ ހެއްކެކެވެ.

މި ޤަރާރު ފާސްވުމާ ގުޅިގެން، ފަލަސްޠީނުގެ ބިންތަކުން ޒަޔަނިސްޓް އިސްތިޢުމާރު ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން