އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް އީ.ޓީ.އޭ. ހޯދުން ލާޒިމުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް އީ.ޓީ.އޭ. ހޯދުން ލާޒިމުވެއްޖެ

އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވާއިދަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި ބަދަލުތަކާ ގުޅިގެން، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) ހޯދުން ލާޒިމުވާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ އެ ޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް މަގުފަހިވާނެއެވެ.

މި އައު ޤަވާއިދުގެ ދަށުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު 27 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އީ.ޓީ.އޭ. އަށް އެދެވޭނެއެވެ. އަދި 2025 ވަނަ އަހަރުގެ ޖެނުއަރީ 8 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައެވެ.

އީ.ޓީ.އޭ. އަކަށް އެދުމުގެ އަގަކީ 10 ޕައުންޑެވެ. އަދި އޭގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި ހުއްދައިގެ ދަށުން، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް ގިނަ ދަތުރުތައް ކުރެވޭނެއެވެ.

އިތުރު މުހިންމު ބަދަލެއްގެ ގޮތުގައި، 2025 ވަނަ އަހަރުގެ އޭޕްރީލް 2 އިން ފެށިގެން، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި އެހެން ހުރިހާ ޤައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީ.ޓީ.އޭ. އަށް އެދެންޖެހޭނެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ އިނގިރޭސިވިލާތަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުންނަށް މި ބަދަލުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އީ.ޓީ.އޭ. އާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް އެދިފައިވެއެވެ.

މިއަދު އޮންލައިން