އިޤްތިސާދީގޮތުން ކުރިއަރާފައިވާ ޤައުމުތަކުން އެކަން ހާސިލް ކުރެވުނީ ވިޝަނަރީ ލީޑަރުންގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އުތުރުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝިމާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި އެންމެ ބޮޑު ވިޝަނަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރެއްވުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އެ މަސައްކަތްޕުޅުގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވި ގޮތުގައި މި ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާހުރި ވިޓޯލް ކުންފުންޏާއެކު ހަ މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވެއެވެ. މި ޚިދުމަތުގެ ދަށުން ފުރަތަމަ ފޯރުކޮށްދެނީ ޑީސަލާއި ލޯ ސަލްފާ ފިޔުލްކަމަށް އޭނާ ވިދާޅުވިއެވެ.
"ވިޓޯލްއާއި އެސްޓީއޯއާ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ ވެސަލްތަކަށާއި ނީޝް މާކެޓް މާނައަކީ އަޅުގަނޑުމެންނަށް ބޮޑެތި ލިބޭނެ ވެސަލްތަކަށް ޓާގެޓްކޮށް އެ ވެސަލްތަކަށް ސާވިސް ދިނުން. ހަމަ މިހެންދާ ކޮންމެ ބޯޓަކަށް ސާވިސް ދިނުމެއް ނޫން،" ޝިމާދު ވިދާޅުވިއެވެ.
ޝިމާދު އިތުރަށް ވިދާޅުވި ގޮތުގައި ވިޓޯލުން މި ޚިދުމަތް މާކެޓް ކުރަން ފެށުމުން ގިނަ ބަޔަކު ޚިދުމަތަށް އެދެމުންދެއެވެ. ނަމަވެސް އެސްޓީއޯގެ އަމާޒަކީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ އުޅަނދުތަކަށް ޚިދުމަތް ދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ އިޤްތިސާދަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.