ބަންކަރިންގެ ޚިދުމަތް އޮފްޝޯކޮށް ފެށުމަކީ މިވަގުތު އެންމެ ފައިދާހުރި ގޮތް: އިގްތިސާދީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބަންކަރިންގެ ޚިދުމަތް އޮފްޝޯކޮށް ފެށުމަކީ މިވަގުތު އެންމެ ފައިދާހުރި ގޮތް: އިގްތިސާދީ ވަޒީރު

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމުގައި މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ އޮފްޝޯކޮށް ޚިދުމަތް ފެށުން ކަމަށް ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި އިއްޔެ ބޭއްވުނު ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެން ޚިދުމަތް ދޭ ގޮތަށް ކަމަށެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ބިމެއް ހިއްކައިގެން މިފަދަ ޚިދުމަތެއް ދެވޭނީ އެކަށީގެންވާ ޑިމާންޑެއް އުފެދިގެން ކަމަށެވެ.

"މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ އޮފްޝޯކޮށް ޚިދުމަތް ފަށައި، ޚިދުމަތް އިޝްތިހާރުކޮށް ޓްރެފިކް ހޯދުން. މީގެ ސަބަބުން ވިޔަފާރިއަށް ފަރިތަވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ އޮތް ސަރަހައްދަކީ މުހިންމު ސަރަހައްދެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސަރަހައްދުން ދުވާލަކު 300 އެއްހާ ބޯޓު ހުރަސްކުރާއިރު، އޭގެ ކުޑަ އިންސައްތައެއް ރާއްޖެއަށް ލިބިގެންދިއުމަކީވެސް ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ބަންކަރިންގެ ޚިދުމަތް އިތުރަށް ފުޅާކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިޝަން ކޮން ކޮންމެ ހިސާބަކަށް ދިޔަޔަސް، ކޮންމެ އަތޮޅެއްގައި މިކަހަލަ ކަމެއް ކުރިކަމުގައިވިޔަސް އެ މާކެޓް އިންޓްރޮޑިއުސްކޮށްގެން ނޫންގޮތަކަށް މިކަން ކުރެވޭކަށް ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެން ޝައްކެއް ނުކުރަން މި ޓްރެފިކްގެ އެސްޓީއޯއިން ޓާގެޓް ކުރަނީ އެންމެ ޕަސެންޓަކަށް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިތާގައި އޮންޕޯޓް ޚިދުމަތް ފެށުމަށް ހެޔޮވަރު އަދަދެއް އެއީ،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ޚިދުމަތެއް ފެށިގެން ދިއުމުން، ބަންކަރިންގެ ޚިދުމަތުގައި އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަމުން އަންނަ ވިޓޯލް ކުންފުނިންވެސް ރާއްޖެއަށް އިތުބާރުކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން