އަންނަ މަހު ސިންގަޕޫރުގައި ބާއްވާ ދުނިޔޭގެ ބަންކަރިންގެ ދާއިރާގެ އެންމެ ބޮޑު އެއް ކޮންފަރެންސް ކަމުގައިވާ ސިބްކޮންގައި ދިވެހިރާއްޖެ ބަންކަރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ ކަމަށް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ވިޓޯލް ކުންފުނިން ހާމަކޮށްފިއެވެ.
ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިޓޯލްގެ ފަރާތުން ކެޕްޓަން ރިޝަބް ބެހެލް ވިދާޅުވީ، މި ހަރަކާތަކީ މުހިންމު ހަރަކާތެއްކަމަށް ވުމުން މީގެ ސަބަބުން ދާއިރާގެ ގިނަ ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެ ކަމަށެވެ.
"ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ގިނަ ފައިދާތަކެއް ލިބުމުގެ ފުރުސަތު އެބައޮތް. އެސްޓީއޯގެ ތެލުގެ ވިޔަފާރި ފުޅާކޮށް ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް،" ކެޕްޓަން ރިޝަބް ބެހެލް ވިދާޅުވިއެވެ.
ވިޓޯލުން ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ކެޕްޓަން ރިޝަބް ބެހެލް ފާހަގަކުރެއްވިއެވެ.
ސިބްކޮން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރުމަކީ ރާއްޖޭގެ ބަންކަރިންގެ ޚިދުމަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. މި ކޮންފަރެންސްގައި ބައިވެރިވުމުން ރާއްޖޭގެ ބަންކަރިންގެ ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރުވެ، އިތުރު ވިޔަފާރިތަކެއް ރާއްޖެއަށް ގެނައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރެއެވެ.