ލޯބީގެ ގޮތުން ގުޅެވުނު ނުބައި މީހުންގެ ސަބަބުން ނަފްސާނީ ބަލިކަށިކަމެއްގެ ތެރެއަށް ވެއްޓިފައި ހުރި އަންހެނަކާއި ކައިވެނިކޮށް އެހީތެރިވެދީ ސަލާމަތްކޮށްދިން ހެޔޮލަފާ ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ލޯބީގެ ގޮތުން ގުޅެވުނު ނުބައި މީހުންގެ ސަބަބުން ނަފްސާނީ ބަލިކަށިކަމެއްގެ ތެރެއަށް ވެއްޓިފައި ހުރި އަންހެނަކާއި ކައިވެނިކޮށް އެހީތެރިވެދީ ސަލާމަތްކޮށްދިން ހެޔޮލަފާ ފިރިއެއްގެ ވާހަކަ-

އެދެމީހުން ކައިވެނިކުރީ އެކުގައި މާގިނަ ދުވަސްތަކެއް ހޭދަކޮށްފައެއް ނޫނެވެ. ބައްދަލުވެ ވާހަކަދައްކަން ފެށިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެމީހުން ކައިވެނިކޮށްފިއެވެ. ކައިވެނިކޮށްގެން ދިރިއުޅެމުން އައީ ފިރިމީހާގެ ފްލެޓުގައެވެ. 

އެކުގައި ދިރިއުޅެން ފެށީންސުރެ އަނބިމީހާގެ ކިބައިން ފާހަގަކުރެވޭ ބައެއްކަންކަމާއިމެދު ފިރިމިހާ ކަންބޮޑުވެއެވެ. އެއިގެ ތެރޭގައި ފިރިމީހާ ގެއަށް އައުމުން އަނބިމީހާގެ މޫނުމަތިން ކަންބޮޑުވުން ފެނުމާއި ކަމަކު ބުނާއިރަށް އެކަމެއް ވީހައި އަވަހަކަށް ކުރަން ތެޅިފޮޅިގަތުމާއި އަނބިމީހާއަށް ގޮވާލައިފިނަމަ ބިރުން ތުރުތުރު އެޅުމާއި އަދި ގާތުގައި އިށީނދެލައިގެން އިންނަން ބުނި ނަމަވެސް ޖެހިލުންވުން ފަދަ އެތައް ކަމެއް ހިމެނެއެވެ.  

އެހެންވެ އެއްދުވަހަކު ފިރިމީހާ އަނބިމީހާ ގޮވައިގެން ކޮޓަރިއަށްވަދެ ހަމަޖެހިލައިގެން އެނދުގައި ތިބެ އަނބިމީހާއަށް މިކަންކަމުގެ ވާހަކަތައް ކިޔައިދިނެވެ. އަދި މިގޮތަށް މިކަންކަން މެދުވެރިމިވަނީ ކޮންސަބަބަކާއިހުރެގެންތޯ އާއި އޭނާއަށް އެއްވެސް ކަމެއް ގޯސްކޮށް ކުރެވޭތީތޯ ސުވާލުކޮށްފައި ތެދުބަހުން ޖަވާބުދިނުމަށް އެދުނެވެ.  

އަނބިމީހާ ވަރަށް ދެރަވެފައި ކިޔައިދިނެވެ. "އަހަރެންނަކީ ވަރަށް ގިނަމީހުންދެކެ ލޯބިވެގެންނާއި މަޖުބޫރުވެގެން ވަރަށް ގާތްކޮށް އެމީހުންނާއި އެކުގައި އުޅެވިފައިހުރި އަންހެނަކީމެވެ. ތިއަ ފާހަގަކުރި ކޮންމެ ސިފައަކީ ލޯބިވެގެން އެކުގައި އުޅެވުނު މީސްމީހުންނާއިހުރެ ހަރުލާފައިވާ ސިފަތަކެވެ.  

އެކަކީ ޢާއިލާގެ ނުފޫޒުގައި ގުޅެވުނު މީހެކެވެ. އޭނާއަކީ ވަރަށް ހަރުކަށި، އަނިޔާވެސްކުރާ މީހެކެވެ. ވީމާ އޭނާ ގެއަށް ވަންނަތަން ފެންނައިރަށް ކަންބޮޑުވެވެއެވެ. ދެވަނަ މީހަކީ  އޭނާ ކަމަކު ބުނާއިރަށް އެކަމެއް ނުކުރެވިއްޖެނަމަ މޫނުކުނިކޮށްފައި ގެއިން ނުކުމެގެންދާ މީހެކެވެ.  ގޮވާލީމާ ބިރުން ތުރުތުރު އަޅަނީ އެއްޗެތިގޮވަން ނޫނީ ގޮވާނުލާ މީހަކާއިއެކުގައިވެސް އުޅެވުނީތީއެވެ.  ގާތުގައި އިށީނީމާ ޖެހިލުންވެވެނީ ގާތުގައި ބައިންދައިގެން ހިތުގަ ޖެހޭފަދަ ވާހަކައެއް ނޫނީ ނުދައްކާ މީހަކާއިވެސް އެކުގައި އުޅެވުނީމައެވެ.  

އެމީސްމީހުންނާއި ވަކިވާންޖެހުނީ އެފަދަ ސަބަބުތަކަށްޓަކައެވެ. ނަމަވެސް އެއިރު ނަފްސަށް ލިބިފައިވާ ގެއްލުންތަކުގެ އަސަރު އަދިވެސް ނުފިލަނީއެވެ. އެކަންކަން ފިލުވާލަން މިގެންދަނީ މަސައްކަތްކުރަމުންނެވެ. އަހަރެންނަށް ވަގުތުކޮޅެއް ދޭށެވެ. ނޫނީ އެކަންކަން ކުރެވޭތީ އަހަރެން ވަރިކޮށްލާނީ ހެއްޔެވެ؟ އެހެންވެއްޖެނަމަ ވަރަށް ދެރަވާނަމެވެ."  

ފިރިމީހާ ވަރަށް ދެރަވެފައި ބުންޏެވެ. "އަހަރެން ކަލާއާއި ކައިވެނިކުރީވެސް ކަލާގެ ކިބައިގައި މައްސަލަތަކެއް އެނގިހުރެގެންނެވެ. ކިޔައި ނުދޭތީ މައްސަލަތައް ނުއެނގުނީއެވެ. ކައިވެނިކުރުމުން މައްސަލަތައް ފެނި އެނގެންފެށީއެވެ. މިއަދު ކިޔައިދިނުމުން މައްސަލަތައް ޔަޤީންވީއެވެ.  އަހަރެން ކަލާއާއި ކައިވެނިކުރީ އެހައި ފަސޭހައިން ކަލާ ވަރިކުރާކަށް ނޫނެވެ. އެހެންވީމާ ތިއަބުނިހެން ތިއަ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. އަހަރެންގެ ކިބައިގައި ތިއަ ބުނި ފަދަ އެއްވެސް ސިފައެއް ނެތެއް ނޫންހެއްޔެވެ؟ ތިއަ ކިޔައިދިން އެއްވެސް ސިފައަކީ އަހަރެން ތާއީދުކުރާ، ބަލައިގަންނަން ވެސް ބޭނުން ސިފަތަކެއް ނޫނެވެ. އަދި އަހަރެންގެ ކިބައިގައި ހުރީ ތިއަ ކިޔައިދިން ސިފަތަކާއި މުޅިން ތަފާތު ސިފަތެކެއްކަން މިހާރުވެސް ވަރަށް ރަނގަޅަށް ކަލާއަށް އެނގޭނެއެވެ. ވީމާ އުފަލުގައި ހިތްހަމަޖެހިގެން ހުންނަން މަސައްކަތްކުރާށެވެ! 

އަހަރެން ކަލާއަކަށް ރުޅި މޫނެއް ނުދައްކާނަމެވެ. ކަމެއް ކޮށްނުދެވި އޮތް ނަމަވެސް އެއްވެސް ޝައުކުވާއެއްވެސް ނުކުރާނަމެވެ. އަދި ކަމަކު އެދުމުން ލަސްވެލިނަމަވެސް އެއީ މައްސަލައަކަށް ނުހަދާނަމެވެ. އަދި ދުވަހަކުވެސް ހިތުގައި ޖެހޭނެ ފަދަ ކަމެއް ނުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާނަމެވެ."  

އަނބިމީހާ ވަރަށް އުފާވިއެވެ. ފިރިމީހާގެ ބަސްތަކާއި ނަޞޭޙަތް ޤަބޫލުކޮށް ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރުމުންވެސް ހުރިހާ ކަންކަން އިޞްލާޙްކުރެވުނީ 2 އަހަރެއްހައި ދުވަހުންނެވެ. އެއީ ނަފްސުގައި އެކަންކަން ވަރަށް ބޮޑަށް ހަރުލާފައި ހުރުމުންނެވެ. އެދެމަފިރިންގެ ކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.  

މިއީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ކަންކަން ކުރިމަތިވި ގޮތެވެ. އެކުވެރިޔާއަށް ކަންކަން ދިމާވިގޮތާއި ވަރަށް ގުޅުންހުރި ނުވަތަ އެއްގޮތް ފިލްމެއްވެސް ދުށީމެވެ. ވީމާ މިއީ ހުރިހާ މުޖުތަމަޢުތަކެއްގައިވެސް އޮތް މައްސަލައެއްކަން އެބައެނގެއެވެ. 

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ތަފާތު މީހުންނާއި ގުޅި ލޯބިވެގެން އުޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކެވެ. ކޮންމެ އަންހެނަކަށް އަޅުގަނޑުގެ އެކުވެރިޔާއަށް ލިބުނު ފަދަ ހެޔޮލަފާ ފިރިއަކު ނުލިބޭނެއެވެ. ވީމާ އަޅުގަނޑުގެ އެކުވެރިޔާއަށް ދިމާވިފަދަ ޙާލަތެއް މެދުވެރިވެފައި ހުއްޓައި އެހެން މިޒާޖެއްގެ، އެހައި ރަނގަޅުނޫން ފިރިއަކު ލިބުނު ނަމަ ކުރިމަތިލާންޖެހޭނެ ކަންކަމަށް ވިސްނައިލުން ރަނގަޅުވާނެއެވެ.  

އަޅުގަނޑުގެ ބަހަކީ ލޯބިވެގެން އޭނާގެ ނުފޫޒު ފޯރާނެ ގޮތަށް ގިނަ ދުވަހު އެކުގައި ނުއުޅެ ލޯބިވާނަމަ އަވަހަށް ކައިވެނިކުރުމެވެ. އަދި ލޯބިވުމުގެ ކުރިން ލޯބިމިވެވެނީ ކޮންމިޒާޖެއްގެ މީހަކުދެކެކަން ޔަޤީންކުރުމެވެ. ނޫންނަމަ ވަރަށް ބޮޑެތި ދެރަތައް ލިބިދާނެއެވެ.  

އުންމީދުކުރަނީ މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.  

- ޝަރޫ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން