ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 5،280 މިލިއަން ރުފިޔާ ކަނޑައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 5،280 މިލިއަން ރުފިޔާ ކަނޑައަޅައިފި

މާލީ ވުޒާރާއިން އިއްޔެ ހާމަކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 5،280 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން އެނގިއްޖެއެވެ. މިއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 4،445 މިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 824 މިލިއަން ރުފިޔާ ހިމެނޭ އަދަދެކެވެ.

މާލީ ވުޒާރާގެ އަންދާޒާތަކުން ދައްކާގޮތުގައި، މި އަދަދަކީ ކޮންމެ ދަރިވަރަކަށް 54،056 ރުފިޔާގެ މަގުން ޚަރަދުކުރެވޭ މިންވަރެވެ. މި ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މުސާރައަށް ކަމަށްވާއިރު، އެއީ 3،270 މިލިއަން ރުފިޔާއެވެ.

ދަރިވަރުންގެ ތަޢުލީމަށް އަމާޒުކޮށް ވަކި ވަކި ޕްރޮގްރާމްތަކަށްވެސް ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވެއެވެ. އެގޮތުން ދަރިވަރުންގެ ލޯނު ސްކީމަށް 550 މިލިއަން ރުފިޔާ، ފްރީ ޑިގްރީ ޕްރޮގްރާމަށް 156 މިލިއަން ރުފިޔާ، އަދި ސްކޮލަރޝިޕްތަކަށް 184 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން، ދަރިވަރުންގެ ފޮތްލިސްޓާއި ސްކޫލު ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ސްކޫލާއި ޔުނިވަރސިޓީ އިމާރާތްކުރުމަށް 238 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މާލީ ވުޒާރާއިން ބުނާގޮތުގައި، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ މުޅި ބަޖެޓަކީ 49،550 މިލިއަން ރުފިޔާއެވެ. ނަމަވެސް، ދަރަނި އަނބުރާ ދެއްކުމާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކާ ފައިސާ ނުހިމަނައި، ދައުލަތުގެ ޖުމްލަ ޚަރަދު ލަފާކޮށްފައިވަނީ 47،317 މިލިއަން ރުފިޔާއަށެވެ.

މި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުތަކަކީ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އަދި އަދި ސަރުކާރުގެ މެނިފެސްޓޯގައިވެސް އިސްކަންދީފައިވާ ކަންތައްތަކަށް އަމާޒުކޮށްފައިވާ އަދަދުތަކެއް ކަމަށް މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން