އެއީވެސް ހަމަ މިޒަމާނުގައި މިކިޔާ ލޯބީގެ އުޑި އެތައް ދުވަހެއް ވަންދެން އަނބުރާފައި ކައިވެނިކުރި ދެމީހުންނެވެ. އެގޮތުން 4 އަހަރު އުޑި އަނބުރާފައި ކައިވެނިކޮށް ފުރަތަމަ އަހަރު ނިމި ފުރަތަމަ އެންވާސަރީ ފާހަގަކުރަންވީއިރު ފުރަތަމަ ދަރިފުޅު އޮތީ ބަނޑުގައެވެ. ދެވަނަ އެންވާސަރީ ފާހަގަކުރަންވީއިރު މަންމައާއި ބައްޕަގެ ލޯތްބަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައި ދަރިފުޅު އޮތީ ލޯހުޅުވައި ބަލަހައްޓައިގެންނެވެ. 3 ވަނަ އެންވާސަރީ އަންނަން 6 މަސް އޮއްވައި އަނބިމީހާ ވަރިކޮށްލާފައި ފިރިމީހާ ފިލައިފިއެވެ.
އެކަމާއި އައި ރުޅީގައި އަނބިމީހާ ނިންމީ ފިރިމީހާގެ ކިބައިން ބަދަލުހިފާލުމުގެ ގޮތުން ދަރިފުޅަށް ފިސާރި ވަރަކަށް ހޭއަރުވައިލިއެވެ. އެހެންވެ ފުރަތަމަ ކަމަކަށް ކުރިމަކީ މީހަކާއި ޙަވާލުކޮށްފައި ދަރިފުޅު ޔަތީމްޚާނާއަކަށް ފޮނުވައިލުމެވެ. ޔަތީމްޚާނާއަށް ފޮނުވައިލުމަށްފަހު 2، 3 ދުވަސް ފަހުން އޭނާ ޔަތީމްޚާނާއަށް ގޮސް ދަރިފުޅާއި ޙަވާލުވީއެވެ. ދަރިފުޅު ގޮވައިގެން ދުރު ސިޓީއަކަށްވެސް ދިރިއުޅުން ބަދަލުކޮށްލީއެވެ. އެއީ އެއްވެސް މީހަކަށް ދަރިފުޅުގެ ޙަޤީޤަތް އެނގުނަ ނުދިނުމަށްޓަކައެވެ.
އެސިޓީއަށް ގޮސް ދެވަނަ ކައިވެނިކުރިއެވެ. އެއީ ވަރަށް ހެޔޮލަފާ މީހެކެވެ. ފުދޭވަރެއްގެ ތަނަވަސްކަންވެސް ހުރި މީހެކެވެ. ދަރިފުޅު ދެކެ ވަރަށް ލޯބިވެސް ވެއެވެ. ނަމަވެސް ފިރިމީހާ ގާތުގައިވެސް ބުނަމުން އައީ އެއީ ފުރަތަމަ ކައިވެނީގައި ކުއްޖަކު ނުލިބިގެން ޔަތީމްޚާނާއަކުން ހޯދިކުއްޖެއް ކަމަށާއި ކުއްޖާ ހޯދުމަށްފަހު ފިރިމީހާ ފިލީކަމަށެވެ.
އޭނާ، އޭނާގެ ދަރިފުޅު ބަލައި ބޮޑުކުރަމުން އައީ ދަރިފުޅު މަރާ ނުލައި ކުރެވޭނެ ހުރިހާ އަނިޔާތަކެއް ކުރަމުންނެވެ. ދެރަކޮށް ހިތުގަ ޖައްސުވަން ނުކުރަނީ ކޮންކަމެނެތްކަން ބުނެދޭން އޭނާއަށްވެސް ނުއެނގޭނެއެވެ. ދަރިފުޅު ދެރަކޮށްލެވިދާނެކަމަށް ވިސްނޭ ހުރިހާ ކަމެއްވެސް ދިއައީ ކުރަމުންނެވެ. ދެވަނަ ކައިވެނީގައި ލިބުނު 3 ކުދިންނާއި ވަރަށް ބޮޑަށް ތަފާތުކުރެއެވެ. އެފަދަ ކަންކަމަށް ފިރިމީހާ ހުރަސްއަޅާތީ ފިރިމީހާގެ ކުރިމަތީގައި ދައްކަނީ ތަފާތު މޫނެކެވެ. ފިރިމީހާގެ ކުރިމަތީގައި ކަންކަންކޮށްދެނީ މުޅިންތަފާތު ގޮތަކަށެވެ.
ދަރިފުޅުގެ އުމުރުން 20 އަހަރުގައި މަންމަގެ 2 ކިޑްނީ ފޭލްވެ ކިޑްނީ ބަދަލުކުރަންޖެހިއްޖެއެވެ. މެޗްވާ ކިޑްނީއެއް ނުލިބި ލަސްވާން ފަށައިފިއެވެ. ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދަނީއެވެ. މެޗްވާ ކިޑްނީއެއް ނުލިބެނީސް ޑޮކްޓަރުންނަށްވެސްކުރެވޭނެ ކަމެއް ނެތުމުން ޖެހުނީ ބަލަހައްޓައިގެން އިންތިޒާރުގައި ތިބޭށެވެ.
އެޙާލަތުގައި އެންމެންވެސް ބޮޑު ކަންބޮޑުވުމެއްގައި ތިއްބައި އެއްދުވަހު ޑޮކްޓަރުން އައިސް ބުނީ މެޗްވާ ކިޑށްނީއެއް ހިލޭ ލިބިއްޖެކަމަށެވެ. ހަދިޔާކުރި މީހާ ބޭނުންވަނީ ސިއްރުކުރަން ކަމަށްވުމުން އެއީ ކާކުކަން ބުނެ ނުދެވޭނެ ކަމަށެވެ.
އަވަސްއަވަސްކޮށްލައި އޮޕަރޭޝަނަށް ވާންޖެހޭ ތައްޔާރީތައްވެ އޮޕަރޭޝަން ކޮށްފިއެވެ. އޮޕަރޭޝަންވެސް ކާމިޔާބެވެ. ލިބުނު އުފާވެރިކަމުގައި ދޮންބައްޕަ ދޮން ދަރިފުޅަށް ގުޅުމުން ފޯނުނެގިއެވެ. އޮޕަރޭޝަންކުރެވި އޮޕަރާޝަން ކާމިޔާބުކަމަށް ދޮންބައްޕަ ބުނުމުން އެކަމަށްޓަކައި ވަރަށް އުފާކޮށް މަންމައަށް ހެޔޮދުޢާކުރިއެވެ. ބުނީ މިވަގުތު މިހިރީ އޮފީސް މަސައްކަތެއްގައި ސިޓީން ބޭރުގައި ކަމަށާއި އެނބުރި ދެވެން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
ކިތަންމެ ވަރަކަށް ސިއްރުކުރަން މަސައްކަތްކުރި ނަމަވެސް ބައެއް ކަންކަމަކީ ސިއްރުކުރެވޭ ކަންކަމަށް ނުވާތީ އޮޕަރޭޝަންކޮށްގެން ގެއަށް ދެވުނުތާ މާގިނަދުވަސްތަކެއް ނުވެ ޙަޤީޤަތް ފަޅާޢަރައިފިއެވެ. ކިޑްނީ ހަދިޔާކުރީ ދަރިފުޅުކަން ދޮންބައްޕައަށް އެނގިއްޖެއެވެ. އެނގުމުން އަނބިމީހާ ގާތު އެވާހަކަ ނުދައްކައި ފުރަތަމަވެސް އެވާހަކަ ދެއްކީ ދޮންދަރިފުޅާއެވެ.
"ބައްޕާއެވެ! ކުރިންވެސް އަޅުގަނޑަށް ޝައްކުކުރެވުނެވެ. ނަމަވެސް ހެދި ޓެސްޓްތައް މިހިރީއެވެ. އަޅުގަނޑަކީ މަންމަ އެބުނާ ގޮތަށް ހޯދައިގެން ގެންގުޅޭ ދަރިއެއް ނޫނެވެ. އަޅުގަނޑަކީ މަންމަގެ ދަރިއެކެވެ. އެކަން މިއޮތީ ޔަޤީންކުރެވިފައެވެ. ނަމަވެސް މަންމައާއި ދިމާއަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ މަންމަ އަޅުގަނޑު ބަހައްޓަން ބޭނުން ގޮތުގައި އަޅުގަނޑު ހުރިއްޔާއެވެ. މަންމަ އެގޮތަށް އެކަންކަން ކުރާ ސަބަބެއްވެސް އޮންނާނެތާއެވެ. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތެވެ."
ދޮންބައްޕައަށް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އެހެންކަމާއިއެކުވެސް ދަރިފުޅު ގާތުގައި އެއްވެސް އެއްޗެއް ނުބުނެ ހެރެފައި ދެތިން ދުވަސްފަހުން އަނބިމީހާ ގާތުގައި ބުންޏެވެ. "މިހާރު ކަލޭގެ ބަލިޙާލުހުރިގޮތުން އިތުރު އަންތބަކަށް އެބަ ބޭނުންވެއެވެ. އެކަމުގައި ކަލެއަށް އެންމެ ފައިދާހުރި ގޮތަކަށްވާނީ ބޭރުން އަންހެނަކު ގެނައުމުގެ ބަދަލުގައި ކަލޭ ތިއަ ގެންގުޅެ ބޮޑުކުރާ ކުއްޖާ އާއި ކައިވެނިކުރުމެވެ. އޭނާ ކަލޭދެކެ ވަރަށް ލޯބިވޭ ނޫންހެއްޔެވެ؟ ކަލެއަށް ދެރަވާނެ ކަމެއް ނުކުރާނެ ނޫންހެއްޔެވެ؟ އެހެންވެ މިކަމުގަ އޭނާ އާއި ވާހަކަދައްކަން އެބަވިސްނަމެވެ."
އަނބިމީހާ ދިއައީ ސިއްސައިގެންނެވެ. ފުރަތަމަ ކަމަކީ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަން ވިސްނާކަމެވެ. ދެވަނަ ކަމަކީ އެއީ އަމިއްލަ ދަރިއަކަށްވުމުން ކައިވެނި ޙަލާލުނުވާނެތީއެވެ. އެހެންވެ ވަރަށް ދެރަވެފައި ފިރިމީހާއަށް ޙަޤީޤަތް ކިޔައިދިނެވެ. ދަރިފުޅާއިމެދު އެގޮތަށް ކަންކަން ކުރެވުނީ ދަރިފުޅުގެ ބައްޕަ ކަންކަން ކުރިގޮތުން އޭނާދެކެ އައި ރުޅީގައި ކަމަށްވެސް ބުންޏެވެ. އަދި ދަރިފުޅާއިމެދު ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށްކަން މިހާރު ޤަބޫލުކުރެވޭ ކަމަށާއި އެކަމާއި ވަރަށް ދެރަވާ ކަމަށްވެސް ބުންޏެވެ.
އެހިސާބުން ފިރިމީހާ ބުންޏެވެ. "އެކަމާއި ހަމައެކަނި ދެރަވާ ކަމަށް ބުނެލައިގެން ފުދޭކަށް ނެތެވެ. ކަލެއަށް މިއަދު ދުނިޔޭގައި ތިއަ ހުރެވެނީ އެދަރިފުޅުގެ އަމިއްލަ ފުރާނައިން ޤުރްބާންވީތީއެވެ. އަހަރެމެން އެކަކު ގާތުގައި ބުނެވެސް ނުލައި ކަލެއަށް ސިއްރުން ކިޑްނީ ހަދިޔާކުރީ ކަލޭގެ އެ ދަރިފުޅެވެ. އަދި ހެދި ޓެސްޓްތަކުން ކަލެއަކީ އޭނާގެ މަންމަކަން މިހާރު އޭނާއަށް ވަނީ ޔަޤީންވެސް ކުރެވިފައެވެ. އަހަރެންނަށް ކުރެވުނު ޝައްކަކާއި ގުޅިގެން ސުވާލުކުރުމުން ޓެސްޓްތައް ދައްކައި ހުރިހާ ވާހަކަތަކެއް ކިޔައިދީފި އެވެ. މިއުޅެނީ ދެވަނަ އަންތބަކު ހޯދަން ބޭނުންވެގެނެއް ނޫނެވެ. ދެއްކި ވާހަކައެއް މިދެއްކީ ކަލޭގެ ތިއަ ނަޖިސް ދުލުން ކަމުގެ ޙަޤީޤަތް ބޭރުކުރުވަންވެގެންނެވެ. މިއަދު ކަލޭ އޭނާއާއި ކުރިމަތިލާނީ ކޮން މޫނަކާއިގެންހެއްޔެވެ؟ ނިކަން ވިސްނައިލަބަލާށެވެ!"
އަނބިމީހާއަށް ބުނާނެ އެއްޗެއް ނުއެނގި ތަލިން ކުޅުހިކުމުގެ އިތުރުން ކަޅިހުއްޓިފައި އެތައް އިރަކު އިނދެވުނެވެ. ތެދުވެގެން ދަރިފުޅުގެ ކޮޓަރިއަށް ގޮސް ބައްދައި އޮޅުލައި ބޮސްދީ ރޮއި އެތައް ފަހަރަކު މާފަށް އެދުނެވެ. ދަރިފުޅު ބުނީ މިއީ މަންމަ ހިތާމަކުރަންވީ ވަގުތު ނޫންކަމަށާއި ދެރަވެ ކަންބޮޑުވާނަމަ އޮޕަރޭޝަނަށް މައްސަލަތައް ޖެހިދާނެ ކަމަށެވެ. އެހެންކަމުން ހިތްހަމަޖެހިގެން އިނުމަށެވެ. ކުރި ހުރިހާ ކަމަކަށް މާފުކޮށްފިން ކަމަށާއި ދުވަހަކުވެސް ބަދަލު ހިފާނެނަމަ ކިޑްނީ ހަދިޔާ ނުކުރާނެ ކަމަށެވެ. ކިޑްނީ ހަދިޔާކުރީވެސް ހުރިހާ ކަމެއް އެނގިހުރެ ކަމަށާއި ނުދިނުމުގެ ފުރުޞަތުވެސް އޮއްވައި ކަމަށެވެ. ހަމަ އެކަނި ބޭނުންވަނީ ﷲ ގެ ހެޔޮ ރަޙްމަތްފުޅު ކަމަށެވެ.
މިވާހަކަތައް އިސާހިތަކު ފިރިމީހާގެ ޢާއިލާގެ ތެރޭގައި ފެތުރިއްޖެއެވެ. ނަތީޖާއަކަށްވީ ފިރިމީހާގެ ޢާއިލާގައި ހުރި އެންމެ ތަނަވަސް މީހާ، ބޮޑުބޭބެގެ ދަރިފުޅުގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރުދީ އާއި ލޯބި އުފެދި އޭނާ އާއި ކައިވެނިކުރުމެވެ. ކައިވެނިކޮށް އެގެއިން ނެރެގެން ގެންދިއުމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަހަޅައިލީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަކީވެސް ހަމަ މައެއްގެ ކިބައިން މިފަދަ ބޮޑެތި އަނިޔާތައް ލިބުނު އަންހެނަކީމެވެ. ހަމައެއް ސަބަބަކާއިހުރެއެވެ. ބައްޕަ މަންމައަށް ކަންކަންކުރި ގޮތުން ބަދަލުހިފުމަށެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ މަދު މަންމައަކުނަމަވެސް ދަރިންނާއިމެދު މިގޮތަށް ކަންކަން ކުރާކަން އެއީ ވަރަށް ދެރަކަމެއް ކަމަށެވެ. އެއީ ދަރިފުޅުގެ ބައްޕަކަމަސްވީނަމަވެސް ބައްޕަ އެކުރާ ނުބައިކަމެއް ކުރަނީ ދަރިފުޅުގެ އެއްވެސް ކުށެއް އޮވެގެން ނޫންކަމަށްވާއިރު އެކަމަށް ވިސްނައިނުލާ ދަރިންނަށް އެކަމަށް އަދަބުދިނުމަކީ ވަރަށް ބޭއިންޞާފުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
- މަލީޙާ / މިއަދުނޫހުގެ ކިޔުންތެރިއެއް