ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާ ކުރި އާދޭހަށް އޭނާގެ ކައިވެނި ސަލާމަތްކޮށްދޭން ދެއަންތބަށް ކައިވެރިކުރުމުން ޙަސަދަވެރިވި އަންހެނަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާ ކުރި އާދޭހަށް އޭނާގެ ކައިވެނި ސަލާމަތްކޮށްދޭން ދެއަންތބަށް ކައިވެރިކުރުމުން ޙަސަދަވެރިވި އަންހެނަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަޅުގަނޑަކީ ދެއަންތބަށް އެއްވެސް ފިރިހެނަކާއި ކައިވެނިކުރުމުގެ ވިސްނުންވެސް ގެންގުޅުނު އަންހެނެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ އަޅުގަނޑަށް ކުރި އާދޭހުގެ ސަބަބުން އެކަމަށް އެއްބަސްވެވުނެވެ. އެއީ އޭނާގެ ކައިވެނި ސަލާމަތްކޮށްދިނުމަށްޓަކައެވެ. އޭނާއަށް ދެރަގޮތެއް މެދުވެރިވެދާނެތީއެވެ.  

އެކުވެރިޔާ ބުނީ އެދެމަފރިންގެ ކައިވެންޏަށް 8 އަހަރުވީއިރުވެސް ދަރިއަކު ނުލިބޭތީ ދަރިއަކު ހޯދުމުގެ ބޭނުމުގައި ފިރިމީހާ ދެވަނަ ކައިވެންޏެއްކުރަން އުޅޭކަމަށެވެ. އަދި އެ އަންހެނަކީ ވަރަށް ނުފޫޒުގަދަ އަންހެނެއް ކަމަށާއި ފިރިމީހާ އޭނާ އާއި ކައިވެނިކޮށްފިނަމަ ފިރިމީހާގެ މައްޗަށް ވެރިވެގަނެ އެކުވެރިޔާ ބާކީކޮށްލާނެ ކަމަށެވެ. ވީމާ އެޙާލަތުން އެކުވެރިޔާ ސަލާމަތްކޮށްދެވޭނެ ހަމައެކަނި މީހަކީ އަޅުގަނޑު ކަމަށެވެ. އަދި އެކަމުގައި އަޅުގަނޑު އޭނާއަށް އެހީތެރިވެދީފިނަމަ މުޅި އުމުރުގައިވެސް އެކަން ދަންނާނެ ކަމަށެވެ. ހެޔޮކޮށް ހިތައި އުފަލުގައި އަޅުގަނޑު ބަހައްޓާނެ ކަމަށެވެ.  

އެވަގުތަކީ އަޅުގަނޑު އެމީހަކު ދެކެ އިންތިހާއަށް ލޯބިވެގެން ކައިވެނިކުރި މީހާ އަޅުގަނޑު ދޫކޮށްލާފައި ދިއުމުން އެކަމުގެ ހިތާމައިގައި އިން ވަގުތެވެ. އެހެންވެ އެކުވެރިޔާ އެހައި ބޮޑަށް އެކަމަށް އެދި އާދޭސްކުރުމުން އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ.  

ކައިވެނީގެ ވަރަށް ކުރީކޮޅު، ކައިވެނިކުރިތާ ހައަކަ މަސްދުވަސްތެރޭގައި އަޅުގަނޑު ބަލިވެ އިނދެއްޖެއެވެ. ބަލިވެއިނުމާއި ގުޅިގެން ފިރިމީހާ އަޅުގަނޑަށްދޭ ސަމާލުކަން އިތުރުކުރިއެވެ. އެކަންވީ އެކުވެރިޔާ ވަރަށް ބޮޑަށް ނުރުހުނު ކަމަކަށެވެ. އަޅުގަނޑު ގޮވައިގެން ޑޮކްޓަރަށް ގޮސް ކަންކަން ކުރަން ފެށުމުން އޭނާއަށް ހީވީ އޭނާބާކީކުރަން އުޅެނީ ކަމަށެވެ. އެކަންވެގެންދިއައީ ވަރަށް ބޮޑު ފިތުނައަކަށެވެ. ހަސަދަވެރިކަމަކަށެވެ. އެންމެ ދެރަވީ އަޅުގަނޑުގެ ބަނޑުގައި އޮތީ ޒިނޭގެ ދަރިއެއްކަމަށް ބުނެ ފިރިމީހާ ގާތުގައި ވާހަކަދެއްކުމުންނެވެ.  

އޭނާ ދެއްކި ވާހަކަތައް ފިރިމީހާއަށް ޤަބޫލުކުރެވޭކަމަށް އަޅުގަނޑަށް ވިސްނެންފެށީ ފިރިމީހާގެ ޢަމަލުތައް ބަދަލުވާން ފެށުމުންނެވެ. އަޅުގަނޑާއިމެދު ފަރުވާކުޑަކުރަން ފެށުމުންނެވެ. އެންމެފަހުން އަޅުގަނޑާއި ސުވާލުކުރުމުން އަޅުގަނޑު ބުނީ އެހިސާބަށް ކަންކަން ދިއުމުން ދެން ރަނގަޅުވާނީ އަޅުގަނޑު، އަޅުގަނޑުގެ ގެއަށް ދިއުން ކަމަށެވެ. ޙަޤީޤަތް އެނގޭނެ ދުވަހެއް އެބައޮތް ކަމަށާއި ޑީއެންއޭ ހަދައިގެން އެއިގެ ކުރިންވެސް ޙަޤީޤަތް ހޯދެންވެސް އެބައޮތް ކަމަށެވެ.  

އެހެން ބުނެފައި ހަމަ އެރޭ އަޅުގަނޑު އެގެއިން އަޅުގަނޑުމެންގެ ގެއަށް ބަދަލުވެއްޖައިމެވެ. އެހިސާބުން އެކުވެރިޔާ ވާހަކަފަތުރަންފެށީ ބޭޒާރުވުމުން ލަދުން ދިއައީ ކަމަށެވެ. އެހެން އެކުވެރިންގެ ކިބައިން އެއަޑުތައް އިވޭތީ ވަރަށް ދެރަވިއެވެ. ނަމަވެސް ކެތްތެރިވެގެން އިނީމެވެ.  

އަޅުގަނޑުގެ ދޮށީ ބޭބެ، ދޮންބެޢާއި ހަމައަށް އެއަޑުތައް ދިއުމުން އޭނާގެ އަނބިދަރިންގެ ގާތަށް މެލޭސިޔާއަށް އަޅުގަނޑު ފޮނުވައިލިއެވެ. ވިހަންވާއިރަށް ދޮންބެ އައެވެ. އައިސް ވިހައި ގަދަވިތަނުން ޑީއެންއޭ ހަދައިފިއެވެ. އަޅުގަނޑު އެގެއިން ނުކުތީ ފިރިމީހާ އާއި ނުލައި އެކަންކުރެވޭނެ ވަރަށް ކުރިއާލައި ތައްޔާރުވެގެން ކަމަށްވުމުން އެއީ ކުރަން މާއުނދަގޫ ކަމަކަށް ނުވިއެވެ.  

ޑިއެންއޭ ރިޕޯޓް ލިބުމުން ފިރިމީހާއަށް ވައިބަރކޮށްލީމެވެ. ފިރިމީހާ ޖަވާބެއް ނުދެއެވެ. ދޮންބެ އާއި ފިރިމީހާއަކީ ދެއެކުވެރިންކަމަށްވުމުން ފިރިމީހާ ގުޅީ ދޮންބެއަށެވެ. 3 ވަނައަށް އޮތް ދުވަހު ފިރިމީހާ އަތުވެއްޖެއެވެ. އައިސް ފިރިމީހާ އާއި ދޮންބެ ދަރިފުޅު އެހެން ހޮސްޕިޓަލަކަށް ގެންގޮސްގެން އަލުން ޑިއެންއޭ ހެދުމުންވެސް ނުކުތީ ހަމަ އެއް ނަތީޖާއެކެވެ. 

އަޅުގަނޑާއިމެދު ކަންކަންކުރެވުނު ގޮތުން ވަރަށް ދެރަވެ މާފަށް އެދުނެވެ. ފިރިމީހާ ބޭނުންވީ އަޅުގަނޑު ގޮވައިގެން މާލެއަންނާށެވެ. ނަމަވެސް އަޅުގަނޑު ދެކޮޅު ހެދީމެވެ. އަޅުގަނޑު ބުނީ ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހެން ބޭނުން ނުވާކަމަށާއި އަޅުގަނޑުގެ އެކުވެރިޔާއަށްވެސް މާފުކޮށްފިން ކަމަށެވެ. ނަމަވެސް އެކުވެރިޔާ އާއިއެކު އެއް ގެއެއްގައި އަޅުގަނޑު ދެން ދިރިނުއުޅޭނެ ކަމަށެވެ. އެއީ އިތުރު ބަދުނާމެއް އަޅުވައިފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.   

އެކުވެރިޔާ ދޫކޮށް ނުލުމަށާއި އަޅުގަނޑު ދޫކޮށްލުން އެދި އާދޭސްކުރީމެވެ. އަދި އަޅުގަނޑު ދޫކޮށްލިނަމަވެސް ބައްޕައާއި ދަރިފުޅުގެ ގުޅުމަށް އެއްވެސް ހުރަހެއް ނުއަޅާނެ ކަމަށްވެސް ބުނީމެވެ. އެތައްފަހަރަކު އެކަމަށް ޔަޤީންކަން ވެސް ދިނީމެވެ.  

އެހެންކަމާއިއެކުގައިވެސް ފިރިމީހާ އަޅުގަނޑު ދެއްކި އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރިއެވެ. ފޯނުކޮށްފައި ވަރިކުރީއެވެ. އަދި މާލެދާންވާއިރަށް ގެއިން ނުކުންނަންވެސް ބުނީއެވެ. އެކަމާއި ވަރަށް ދެރަވެސް ވިއެވެ. ނަމަވެސް އެކަންކުރީ އަޅުގަނޑަށް އަންގައިވެސް ނުލައެވެ.  

އެހިސާބުން އެކުވެރިޔާ އަޅުގަނޑަށް ގުޅައި ރޮއި މާފަށް އެދި ވަރަށް އާދޭސްކުރިއެވެ. ކުރިން ދިމާވިފަދަ އެއްވެސް ކަމެއް ދެން ކުރިމަތިނުވާނެ ކަމަށާއި ދެ އުޚުތުންގެ ގޮތުގައި އަދި އަޅުގަނޑުގެ ނޯކަރަކަށްވެގެންވެސް ފިރިމީހާ އާއި އެކުގައި އުޅެން ބޭނުންވާކަމަށް ބުނުމުން ކަންކަން ހިނގައިދިއަގޮތް ކިޔައިދީ އެކަމުގައި އަޅުގަނޑަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ބުނީމެވެ.   

މާލެ އައުމަށްފަހު ހިތަށް އެރިއެވެ. ހަސަދަވެރިކަން މިނަށްވުރެ ބޮޑުވެއްޖެނަމަ ވާނެގޮތް ވީތާއެވެ. ބަލިވެ އިނުމުން ޙަސަދަވެރިނުވެ އެކުވެރިޔާ ވައުދުވީފަދައިން ކަންކަން ކުރިނަމަ އެކުވެރިޔާވެސް ފިރިމީހާގެ ލޯބި ލިބިލިބި ފިރިމީހާގެ ތަނަވަސްކަމުގައި ހަމަ އުފަލުގައި އިނދެވުނީސްތާއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ހަޔާތުގައި ކަންކަން ދިމާވިގޮތެވެ. ކިޔުންތެރިން ބޭނުންގޮތަކަށް ނިންމާށެވެ. ކިތަންމެ ގާތް އެކުވެރިއަކު އެދުނަސް ދެއަންތބަށް ކައިވެނިކުރުމުން ކަންކަން މެދުވެރިވެދާނެ ގޮތާއިމެދު ވިސްނައިގެން ކަންކަން ނިންމާށެވެ. މިހެން ބުނާއިރުވެސް ތަޤްވާވެރި ވަރަށް ގިނަ އަންހެނުން ދެވަނަ އަނބިމީހާ އާއިވެސް ގުޅިގެން ވަރަށް އުފަލުގައި ދިރިއުޅެމުން އަންނަކަންވެސް ޤަބޫލުކުރަމެވެ.  

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން