ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކި ސަބަބުތަކާ ހުރެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތައް ދޫކުރުމާ ގުޅޭ އައު އުސޫލުތަކެއް އިޢުލާނުކޮށްފައެވެ. މި އުސޫލުތަކުގެ ދަށުން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނެ މުއްދަތުތައް ވަނީ ކަނޑައަޅާފައެވެ.
އައު އުސޫލުތަކުގެ ދަށުން، ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށް ވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތަކާއި، އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ހަމަވުމުންނެވެ.
މީގެ އިތުރުން، ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހެއްޓޭ އުޅަނދުތަކާއި،ކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ޚާއްޞަ އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ ތަޙުޤީޤު ނިމުމަށްފަހު 7 ދުވަހުގެ ތެރޭގައެވެ.
މި އައު އުސޫލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމެވެ. މި އުސޫލުތަކަށް ގެޒެޓުގައި ޝާއިއު ކުރި ހިސާބުން ވަނީ ޢަމަލުކުރަން ފަށާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މި އައު އުސޫލުތައް ތަޢާރަފުކޮށްފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޓްރެފިކް ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އާންމުން ހޭލުންތެރިކުރުވުމަށެވެ. މި އުސޫލުތަކުގެ ސަބަބުން، އެކި ބާވަތުގެ ޓްރެފިކް ކުށްތައް މަދުވެ، މަގުމަތީގައި ދިމާވާ ހާދިސާތައް މަދުވާނެކަމަށް ފުލުހުން އުންމީދުކުރެއެވެ.
ހަބަރު: ސަރުކާރު