ޖަޕާނުން ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޖަޕާނުން ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ހުޅުވާލައިފިއެވެ.


މި ފުރުސަތަކީ މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މާސްޓަރސް ކޯހުގައި ބައިވެރިވުމަށް ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮއްފައިވުމާއި، 1 އޭޕްރީލް 2025ގެ ނިޔަލަށް އުމުރުން 35 އަހަރު ފުރިފައި ނުވުން ޝަރުތު ކުރެއެވެ. އަދި ޕީއެޗްޑީ ކޯހުގައި ބައިވެރިވުމަށް ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލުކޮއްފައިވުމާއި، އޭޕްރީލް 2025ގެ ނިޔަލަށް އުމުރުން 40 އަހަރު ފުރިފައި ނުވުން ޝަރުތު ކުރެއެވެ.

މި ސްކޮލަރޝިޕަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ، އައިޑީ ކާޑު އަދި ޕާސްޕޯޓުގެ ކޮޕީ، ޖައިކާ އެޕްލިކޭޝަން ފޯމު އަދި އެހެނިހެން މުހިންމު ލިޔެކިޔުންތައް ހިމެނެއެވެ. އަދި ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން އިތުރު ލިޔުންތަކެއް ހުށަހަޅަންޖެހޭނެއެވެ.

މި ސްކޮލަރޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1474 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އަންގަވާފައިވެއެވެ.

މި ސްކޮލަރޝިޕް ފުރުސަތަކީ ދދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު ފުރުސަތެއް ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން