މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ދިވެހިރވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަންގެ މަންދޫބުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ތަންފީޒުކުރުމުގެ ސްޓްރެޓެޖީތަކާ ގުޅޭގޮތުންނެވެ.
މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ޕްލޭންތައް ބަޖެޓުކުރެވިފައިވާ ގޮތާ ގުޅޭގޮތުން އައި.އެމް.އެފްގެ މިޝަން ޗީފަށް މަޢުލޫމާތު ދެއްވާފައެވެ. އަދި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށް ލިބިގެންދާނެ ލުއިފަސޭހަތަކާއި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ލިބިގެންދާނެ ކުރިއެރުންތަކާ ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ބައްދަލުވުމުގައި އަލިއަޅުވާލަދެއްވާފައެވެ.
އައި.އެމް.އެފްގެ މަންދޫބުން ވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ކަންކަމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެއިތުރުން، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާގައި އައި.އެމް.އެފްއަށް ދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުންވެސް ވަނީ ލަފާދެއްވާފައެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއަށް މުހިންމު ބައްދަލުވުމެއްކަމަށް ބެލެވެއެވެ. އަދި މިފަދަ ބައްދަލުވުންތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބައިނަލްއަަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.