ރަސްމާލެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރަސްމާލެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދާ ބައްދަލުކުރައްވައި، ރަސްމާލެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އިސްތިރާޖީ ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުއްޠަލިބްގެ އިތުރުން މިނިސްޓްރީގެ އިސް ވެރިންނާއި އެޗްޑީސީގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ރަސްމާލެ ޕްރޮޖެކްޓުގެ މިހާރުގެ ހާލަތާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ގެންދާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިއްސާކުރެވުނެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އަވަސް ކުރުމަށާއި، ފެންވަރު ރަނގަޅު ގޮތެއްގައި ނިންމުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، މަޝްރޫޢު ނިމުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކާއި، މާލެ ސަރަޙައްދުގެ ތަރައްޤީއަށް މި މަޝްރޫޢުން ކުރާނެ އަސަރުތަކާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ" މަޝްރޫއުއަކީ ގިނަ އަދަދެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ބޮޑު ބިޔަ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ މަސައްކަތް އަވަސް ކުރުމަށާއި ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން