ރާއްޖޭގެ ފަތުރުވެރިކަން މިހާ ކުރިއަރައި ދިޔަނަމަވެސް، މިހާތަނަށް އެއަރލައިންތަކުގެ އެއްވެސް މެނޫއަކުން ދިވެހި ކެއުމެއް ނުފެންނަކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ނަމަވެސް މިއީ ނުވާނެކަމެއްނޫންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2024 ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިކަމަށް އިސްނަގައިގެން ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތަކުން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މިތަނުގައި (އެފްއެޗްއޭއެމް 2024 ގައި) އެކަމާއިމެދު ވިސްނުމަށް ވަރަށް ރަނގަޅު ތަޖުރިބާކާރުން އެބަތިބި. ކައިރި މުސްތަޤްބަލެއްގައި ތަޖުރިބާކާރުންގެ އުފެއްދުންތެރިކަމާއިއެކު އަދި އެފްއެޗްއޭއެމްގެ އިސްނެންގެވުމާއިއެކު، މަޝްވަރާތަކާއިއެކު މިކަމުގެ ހިޔާލެއް އަދި މިކަން ކުރެވިދާނެ ގޮތެއް ގެނެވިދާނެ އެއަރލައިންތަކުގައި މެނޫ ތައްޔާރުކުރާ ޝެފުންނާއިއެކު." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގައި 120 ސްޓޯލްއެއް ވަނީ ބަހައްޓާފައެވެ. އަދި މި އިވެންޓްގެ ތެރެއިން ކުރިއަށްދާ ކަލިނަރީ ޗެލެންޖްގައި 600 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހިމެނެއެވެ.
ވަޒީރު ސަޢީދުގެ މި ގޮވާލެއްވުމާއެކު، ކުރިއަށް އޮތް ތަނުގައި އެއަރލައިންތަކުގެ މެނޫގައި ދިވެހި ކެއުން ހިމެނިގެންދާނެކަމަށް އުންމީދު ކުރެވެއެވެ. މިކަމުން ދިވެހި ކެއުމުގެ މަޝްހޫރުކަން އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.