ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިފްކޯ އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ބޭއްވުނީ މިފްކޯގެ ހެޑް އޮފީހުގައެވެ.
މި ބައްދަލުވުމުގައި މިފްކޯގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާ ކުރުމަށް މަޝްވަރާކުރެވުނެވެ. އަދި މި މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، މިފްކޯގެ ސައިޓް ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާއިމެދުވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތާއިމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. ޚާއްޞަގޮތެއްގައި މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފައިވާކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.