މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް އަންގައިފި

މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު އަންގައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމަށާއި، މަގުތަކުގައިވާ އާންމު ޖާގަތަކުގެ ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށްޓަކައެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާޒާރާއިން ހާމަކުރެއްވި ގޮތުގައި މިއަދުން ފެށިގެން މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވާފައިވެއެވެ. އަދި މިއަދާ ހަމައަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށްވެސް ދޫކުނުކުރަން އެ ކައުންސިލަށް އަންގަވާފައިވާކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، "މަގުތަކުގައިވާ އާންމު ޖާގަތަކުގެ ބޭނުން ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ހިފޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓަކައި، ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށްގެން ކުރެއްވެން ހުރިކަންކަން ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަރުވަން" ކަމަށެވެ.

މި ނިންމުމަކީ މާލޭގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. ނަމަވެސް، މި ނިންމުމާ ގުޅިގެން ކުރިން ޕާކިން ސްލޮޓް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކާ ބެހޭބެހޭގޮތުން އަދި އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން