އަޅުގަނޑުގެ އެކުވެރި އަންހެން ކުއްޖަކު އެއްރެއަކު ރެސްޓޯރަންޓަކަށް ކާންދިއައެވެ. ގޮސް އޯޑަރުކޮށްގެން އިންދައި ކާއެއްޗެތި ހިފައިގެން އައީ ޓީޝާރޓެއްލައި ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިގެންހުރި ޒުވާނެކެވެ.
އެކުވެރިޔާއަށް އޭނާ ކަމަކު ނުދިއައެވެ. އެހައި ފެންވަރު ރަނގަޅު ރެސްޓޯރަންޓެއްގައި އެހައި އާދައިގެ ގޮތަކަށް ހެދުން އަޅައިގެންހުރި ޒުވާނަކު މަސައްކަތްކުރާތީއެވެ. އެހެންވެ އޯޑަރު ނެގި ވެއިޓަރަށް ގޮވާލާފައި އެކަމާ ޝަކުވާ ކުރުމުން ވެއިޓަރު މާފަށް އެދުނެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.
އިރުކޮޅަކުން ވަރަށް ސްމާޓްކޮށްހެދުން އަޅައި އަގުބޮޑު ސެންޓް ޖަހައިގެން ހުރި ޒުވާނަކު އައިސް އެކުވެރިޔާއަށް ގޮވާލުމުން ކުރިމަތީގައި އިށީންނަން ދައުވަތުދިނެވެ. އަދި އޭނާ ބޭނުންވަނީ ކޮންއެއްޗެއްތޯ އަހައި ވެއިޓަރަށް ގޮވައި އޯޑަރުކުރިއެވެ. ކާއެއްޗެތި ގެނައުމުން ވރަށް ސަޅި ވާހަކަތަކެއް ދައްކާލާފައި ކާލައިގެން އެކުވެރިޔާއަށް ވަރަށް ބޮޑު ޝުކުރިއްޔާއެއް ދީފައި އެމީހާ ތެދުވެގެން ދިއައީއެވެ.
ވެއިޓަރު ބިލް ގެންދިއުމުން ދައްކާނެ ފައިސާއެއް އެކުވެރިޔާގެ އަތަކު ނެތެވެ. އޭނާގެ އަތުގައި ހުރީ އޭނާ ކެއިތަކެއްޗަށް ދައްކާވަރަށެވެ. އެކުވެރިޔާ ހީކުރީ އޭނާގެ ބިލާއިއެކު އެޒުވާނާ ފައިސާ ދައްކާނެ ކަމަށެވެ. ނަމަވެސް ކަންތައް މިވީ އެހެންނަކުން ނޫނެވެ. ޒުވާނާ ކެއި ތަކެއްޗަށް އޯޑަރުކުރީވެސް އެކުވެރިޔާކަމަށްވުމުން އެއަށްވެސް ފައިސާ ދައްކަން މިޖެހުނީ އެކުވެރިޔާއަށެވެ.
އަތުގައި އެވަރަށް ފައިސާ ނެތުމުން ހެދިދާނެ ގޮތަކާއިމެދު ވެއިޓަރާއި މަޝްވަރާކުރަނިކޮށް ކުރިން އޭނާއަށް ކާތަކެތި ގެނެސްދިން ޓީޝާރޓް ލައިގެންހުރި ޒުވާނާ އައިސް ކަންތައް ވެގެން އުޅޭ ގޮތް އޮޅުންފިލުވާފައި ބިލުގައި އެކުވެރިޔާގެ ފޯނު ނަމްބަރު ނޯޓުކޮށްފައި ފަހުން ބިލްދައްކާގޮތަށް އެކުވެރިޔާ ފޮނުވާލަން ބުންޏެވެ.
ލިބުނު ސިހުމުގައި ވެއިޓަރު ގާތުގައި އެއީ ކާކުތޯ ސުވާލުކުރުމުން ބުނީ ރެސްޓޯރަންޓް ހިންގާ ވެރިމީހާ ކަމަށެވެ. އޭނާއަކީ ވަރަށް ހިތްތިރި އެކުވެރި މިޒާޖުގެ މީހަކަށްވީމާ އެވަގުތު އަހަރެމެން އެންމެން ބިޒީކަންބޮޑުކަމުން ސާވްކޮށްލަދިނީ ކަމަށެވެ. އެޖަވާބު ލިބުމުން އެކުވެރިޔާ އޭނާއަށް އަލުން ގޮވާލަދޭން އެދުމުން ވެއިޓަރު ބުނީ މިވަގުތު އޭނާ އިނީ އެކުވެރިންތަކަކާއިއެކު ކަމަށްވުމުން ގޮވިނަމަވެސް އަންނަން އިރުކޮޅެއް ނަގާނެ ކަމަށެވެ.
އެކުވެރިޔާއަށް ޖެހުނީ ދަރަނިވެރިވީތީ ފޯނުނަމްބަރުދީފައި ތަނުން ނުކުންނާށެވެ. ކަސްޓަމަރުން ގިނަކަމުން މޭޒުގައި މަޑުކުރެވެން ނެތީތީއެވެ. އެތަނުން ނުކުމެގެން އައިސް މިވާހަކަ އަޅުގަނޑަށް ކިޔައިދީފައި އަމިއްލައަށް ބުންޏެވެ. "މިވަރުގެ ލަދެއް އަދި ދުވަހަކުވެސް ނުގަނެއެވެ. މިއީ ލިބުނު ވަރަށް ރަނގަޅު ފިލާވަޅެކެވެ. މިހާރު މިއުޅޭ ޒުވާނުންގެ ބޭރުފުށަށް ބަލައިގެން ކަންކަން ނިންމޭނަމަ މިއަށްވުރެވެސް މާބޮޑެތި ދެރަތައް ލިބިދާނެތާއެވެ. ހާސްވީވަރުން ލާރިކޮޅެއް ހިފައިގެން އަންނަން އެކުވެރިއަކަށް ގުޅަންވެސް ހަނދާންވީ ގެއަށްވެސް އައުދެވުނު ފަހުންނެވެ."
މިއީ މާކުރީގެ ކަމެއް ނޫނެވެ. ދާދިފަހުން އަޅުގަނޑުގެ އެކުވެރިޔާއަށް ދިމާވި މިހާދިސާގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ މިފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށް ސަމާލުކަން ދިނުމަށް ބުނަން ބޭނުންވީވަރުންނެވެ.
--ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް