އެދެމީހުން ގުޅުނީ ސޯޝަލްމީޑިއާއިންނެވެ. ފިރިހެން މީހާއަކީ ވަރަށް ތަނަވަސް މީހެކެވެ. އަންހެން މީހާ އޭނާ އާއި ގުޅުނީ އޭނާގެ ތަނަވަސްކަމަށްޓަކައެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގޮތުން ގިނަދުވަސްތަކެއްވަންދެން އެތައްވާހަކަތަކެއް ދެއްކުމަށްފަހު ދެމީހުން ބައްދަލުކުރަން ނިންމިއެވެ.
ބައްދަލުވުމަށް އަންހެންމީހާ ދިއައީ އެކުވެރި އަންހެން ކުއްޖަކުވެސް ގޮވައިގެންނެވެ. ހަމަޖައްސާފައިވާ ގަޑިއަށްވުރެ 10 މިނިޓްކުރިން އެތަނަށް ގޮސް ތަނަވަސްމީހާގެ އިންތިޒާރުގައި ތިއްބެވެ. ގަޑިޖެހުމުން 2 އަންހެނުންގެ ގާތަށް އައީ ވަރަށް އާދައިގެ ގޮތަކަށް ފޭރާންލައިގެންހުރި ފިރިހެނެކެވެ. ފައިބައިގެން އައީވެސް ވަރަށް އަގުހެޔޮ ކާރަކުންނެވެ.
އޭނާ ދެއަންހެނުންނާއި ބައްދަލުކޮށް ލޯބިވެރިޔާއަށް ގޮވާލުމުން ފުރަތަމަވެސް ސުވާލުކުރީ އޭނާގެ ނަން ބުނެދިނީ ކާކުކުތޯއެވެ؟ ސުވާލުކުރުމުން އަމިއްލައަށް ތަޢާރަފްވެފައި އޭނާއަކީ ކާކުކަން ބުނުމުން ބުނީ އެހެންވިއްޔާ ކަލެއަކީ ވަރަށް ބޮޑު މަކަރުވެރިއެއް ކަމަށެވެ. ސޯޝަލްމީޑިއާގައި ތަނަވަސް މީހަކު ކަމަށް ދެއްކިގެން އަންހެނުން މަޅީގައި ޖައްސުވަމުން ދުވާ މީހެއްކަމަށެވެ.
ފިރިހެންމީހާއަށް ބަހެއްވެސް ބުނާނެ ފުރުޞަތުނުދީ ކިޔަންބޭނުންހައި އެއްޗެއް ކިޔާފައި ބާރަށް ހިނގާފައި ގޮސް މަގުމަތިން ޓެކްސީއެއް ނަގައިގެން ގެއަށްދިއައީއެވެ. އޭނާ އެގޮތަށް ކަންޔައްކުރުމުން އޭނާގެ އެކުވެރިޔާ ވަރަށް ދެރަވެ އެފިރިހެންމީހާގެ ކިބައިން މާފަށް އެދުނެވެ. އެކުވެރިޔާ ބުނީ އޭނާގެ އެކުވެރިޔާއަކީ ފައިސާއަށް ވަރަށް ދަހިވެތި އަންހެނަކުކަން އެނގޭކަމަށާއި ނަމަވެސް ދަހިވެތިކަން މިހައިބޮޑުކަން ކުރިން ނުއެނގޭ ކަމަށެވެ.
ފިރިހެންމީހާ ބުނީ ކޮންމެ ކަމެއްވެސް މެދުވެރިވާނީ ރަނގަޅަށް ކަމަށާއި އޭނާގެ އަޞްލު ސިފައެނގުނުކަން އެއީ ވަރަށް ރަނގަޅަށް މެދުވެރިވި ކަމެއް ކަމަށެވެ. އެހެން ބުނެފައި އެކުވެރިޔާއަށް ކޮފީއަކަށް ދަޢުވަތުދިނުމުން އޭނާ އެކަން ޤަބޫލުކުރިއެވެ.
ދެމީހުން ގޮސް މަޝްހޫރު ރެސްޓޯރަންޓަކަށް ވަދެ ބަގީޗާގައި އެކަހެރިކޮށްހުރި މޭޒެއްގައި އިށީނދެ ވާހަކަދައްކަން ވަރަށް ގިނައިރު ތިބެ ވަރަށް ގިނަ ވާހަކަތައް ދެއްކުމަށްފަހު އެމީހާ ބުންޏެވެ. "ބުނަންހެއްޔެވެ؟ ލައިގެންހުރި ހެދުމަށް ނުބަލާށެވެ. ދުއްވާ ކާރަށްވެސް ނުބަލާށެވެ. މިމަރުކާގެ ރެސްޓޯރަންޓްތަކަކީވެސް އަހަރެންގެ އަމިއްލަ ތަންތަނެވެ. އަދި މިނޫންވެސް ވިޔަފާރިކުރަމެވެ. ނަމަވެސް އަހަރެންނަކީ އަހަރެންގެ ތަނަވަސްކަން ބޭރުފުށުން ދައްކައި އިޝްތިހާރުކޮށްގެން އުޅޭ މީހެއް ނޫނެވެ. މިއަދު ހިނގައިދިއަ ކަންކަން ހިނގައިދިއައީ އަހަރެމެން ދެމީހުން ގުޅެން ތަޤްދީރުގައި އޮތުމުން ކަމަށްވެދާނެއެވެ. ކަލޭ ބޭނުންނަމަ އަހަރެންނާއި ކައިވެނިކުރެވިދާނެއެވެ. ނަމަވެސް ކައިވެނީގެ ޙަފްލާގެ ކުރިން ކަލޭގެ އެކުވެރިޔާގެ ގާތުގައި މިކަމުގެ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އެބާވަތުގެ އަންހެނުންނަށް އެއްޗެއް ވިސްނޭނީ ރަނގަޅު ފިލާވަޅެއް ދިނުމުންނެވެ."
ޖެހިގެން އައި ހަފްތާގައި ދެމީހުންގެ ކައިވެނިކުރެވިއްޖެއެވެ. ކައިވެނީގެ ޙަފްލާވެސް ބާއްވައިފިއެވެ. ޙަފްލާއަށް އެކުވެރިޔާއަށް ދަޢުވަތުދިނުމުން ދިއައީ ކާޑުގައިވާ ނަމަށް ރަނގަޅަށް ބަލައިވެސް ނުލައެވެ. ސިޓީގެ އަގުބޮޑު ރެސްޓޯރަންޓުގައި ބާއްވާ ޙަފްލާއަކަށްވުމުން އެތަނަށްދާނީ އެންމެ ތަނަވަސް މީހުންކަން އެނގޭތީ އުފަލުން ދިއައީއެވެ.
ކިޔޫގައި މަޝްހޫރު މިލިއަނަރުން ތިބުމުން ވަރަށް ތުއިވެފައި ކިޔޫގައި ހުރެގެން ގޮސް ސަލާންކުރަން އަތްދިއްކޮށްލީވެސް ސަލާން މިކުރެވެނީ އެކުވެރިޔާއާއިކަން އެނގިހުރެގެނެއް ނޫނެވެ. ކާކުކަން އެނގުނީ އަތްދިއްކޮށްލުމުން އަތުގައިހިފާފައި "އައިސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ" ބުނި އަޑަށެވެ. ސިއްސައިގެން ގޮސްފައި ބަލައިލިއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާ ކައިވެނިމިކުރީ އެމީހަކު ފަޤީރުކަމުން އެއްޗެތި ގޮވުނު ސޯޝަލްމީޑިއާގެ ލޯބިޔާއާއިއެވެ.
ވީދެރައިން ވާހަކަދައްކަން އުޅެން ފެށުމުން ކިޔޫގައި ޚާއްޞަ މެހްމާނުން ތިބުމުން ވާހަކަދައްކާނީ ފަހުން ކަމަށްބުނެފައި ކުރުކޮށްލީއެވެ. ކަންކަން މިވީގޮތް ވިސްނުމުން ވަރަށް ދެރަވިއެވެ. ކަރުއެލުނެވެ. އިސްއުފުލައި މީހަކަށް ބަލައިލާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންވެ ހަމައެކަނި ޖޫސްތަށްޓަކުން ނިންމާލައިގެން ނުކުމެގެންދިއައީއެވެ. އެންމެ ބޮޑަށް އަސަރުކުރީ އަނެއް ދުވަހުގެ ނޫސްތަކުގައި އެކައިވެނީގެ ޚަބަރާއި ފޮޓޯތައް ޝާއިޢުކުރުމުންނެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ހަމަ މިރާއްޖޭގައި މިބާވަތުގެ އަންހެނުންވެސް ފިރިހެނުންވެސް ގިނަކަމުންނެވެ. ލޯތްބަކީ ފައިށާކަމަށް ފައިސާދެކެ ލޯބިން ކުރެވޭ ކައިވެނިތައް ގިނަކަމުންނެވެ. އެފަދަ މީހުންނަށް މިވާހަކައިގައި ޢިބްރަތެއްވާކަމަށް ދެކެވެ.
ހަމަޤައިމުވެސް އަޅުގަނޑު ކައިވެނިކުރީ ފަޤީރަކާއިއެވެ. ނަމަވެސް މިއަދު އޭނާއަކީ ފަޤީރެއް ނޫނެވެ. އަމިއްލަ މަސައްކަތުން ދިރިއުޅޭ ތަނަވަސްމީހެކެވެ. ވީމާ ތަނަވަސްކަމަށް ދަހިވެތިވެގެން ކައިވެނި ނުކުރިނަމަވެސް ތަނަވަސްކަން ހޯދަން މަސައްކަތްކުރުމުން ދެއްވަވަންހުރި އަޅަކަށް ދެއްވަވާނެކަން މިއޮތީ ފެންނާށެވެ.
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް