ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ރޭ ދައުލަތުގެމީޑިއާއިން ގެނެސްދިން "ދިވެހިންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވަހީދު ވިދާޅުވި ގޮތުގޮތުގައި، ރާއްޖޭގައި ޒުވާނުންގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ފަންނީ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން ހޯދައި، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. މިގޮތުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ފަހި ފުރުސަތުތަކެއް ބޭނުންވެފައި ތިބި ޒުވާނުންނަށް ފުރުސަތު ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ," މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފަންނުވެރިންނަށް ހާއްސަ ލޯނުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓަރ ވަހީދު ހާމަކުރެއްވިއެވެ.
މި މަސައްކަތްތަކަކީ ޒުވާނުންގެ ތަރައްޤީއަށާއި، އެ ފަރާތްތަކުގެ ހުނަރު އިތުރުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށް ބެލެވެއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.