މާލެ ސިޓީގެ މަގުތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ޚާއްސަ ސަރވޭއެއްގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފައްޓަވައިފިއެވެ. މި ސަރވޭގެ މަޤްޞަދަކީ މަގުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން އާންމުންނަށް ވަމުންދާ ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަގުފަހިކުރުމެވެ.
މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ސަރވޭ ކުރިއަށް ގެންދަނީ މާލެ 19 ދައިރާއަކަށް ބަހާލައިގެންނެވެ. ސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވަނީ މާލޭގެ ކައުންސިލަރުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ.
ސަރވޭގެ މަސައްކަތް ނިމުމުން، މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް ހުރި އެކި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަން ހުންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ ތެރޭގައި ހަލާކުވެފައި ހުރި މަގުތަކާއި، ކާނުތަކާއި، ދުވާރުތަކާއި، އަދި ޢިމާރާތްކުރުމުގެ ގަވާއިދާ ޚިލާފަށް ހުރި ތަންތަނުގެ މަޢުލޫމާތު ހިމެނޭނެއެވެ.
މި ސަރވޭގެ ނަތީޖާއިން މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަން ހުރުމުގެ ސަބަބުން، އެންމެ އިސްކަންދީގެން އަވަހަށް ހައްލުކުރަންޖެހޭ ކަންކަން ދެނެގަނެވި، އެ މައްސަލަތައް ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ސަރވޭއަކީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.