ރާއްޖެއާއި އޮސްޓްރޭލިއާގެ އިސް އޮފިޝަލުންގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރާއްޖެއާއި އޮސްޓްރޭލިއާގެ އިސް އޮފިޝަލުންގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވައިފި

ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، ދެ ޤައުމުގެ އިސް އޮފިޝަލުންގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން އިއްޔެ ދިވެހި ޚާރިޖިއްޔާގައި ބޭއްވިއްޖެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއެވެ. އަދި އޮސްޓްރޭލިއާގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ ސާރާ ސްޓޯރީއެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ވަރަށް ގިނަ ދާއިރާތަކަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި ވެރިކަން ހިންގުމާއި، ޑިމޮކްރަސީއާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާޢީ، ސަލާމަތާއި، ތަރައްޤީގެ ދާއިރާ ހިމެނެއެވެ.

އިޤްތިޞާދީ ގުޅުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، ތަރައްޤީއާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ފުރުސަތުތައް ފަހިކުރުމަށް ދެ ފަރާތުން މަޝްވަރާކުރިއެވެ. އަދި ތިމާވެށީގެ ދާއިރާއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން، އިންޑޯ ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުގައި މަސައްކަތް ކުރުމާއި، ކާރިސާތަކުން ލިބޭ ގެއްލުމުުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ އިތުރުން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްވެސް މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުގެ ފުލުހުންގެ ޚިދުމަތާއި ބޯޑަރ ސެކިއުރިޓީ ޚިދުމަތްތައް އެކުގައި މަސައްކަތްތައް ކުރުމަށް ދެ ޤައުމުން މަޝްވަރާކުރެއްވިކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުންކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން