ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފާއެކު ބޭއްވެވި ބައްދަލުވުމެއްގައި ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް އަޚުވަންތަ ގުޅުން ފާހަގަކުރައްވާ، މި ގުޅުން އިތުރަށް ބަދަހިކޮށް ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.



ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ އިތުރުން، ތަޢުލީމު، ފަތުރުވެރިކަން އަދި ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް އިތުރުކުރުން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި ކުރިއެރުންތައް ފާހަގަކުރައްވާ، ޕާކިސްތާނުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ރާއްޖޭގެ ތަޖުރިބާގެ ބޭނުން ހިފުމަށް ޝަޢުގުވެރިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއތަކާއި އެޑަޕްޓޭޝަން ސްޓްރެޓެޖީތަކާ ބެހޭގޮތުންނާއި، ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަވާ 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ މަޢުލޫމާތު ޙިއްޞާކުރައްވާ، ކޮޕް28 ގެ ތެރޭގައި ޕާކިސްތާނުން މިކަމުގައި ބައިވެރިވެ އެހީތެރިވުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމުގައި ކުރިއަށްދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މިއަދު އޮންލައިން