ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވެއަރހައުސިން ނުވަތަ ގުދަނަށް ޚާއްޞަ ޢިމާރާތެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެއަރހައުސިންގގެ ފުރުޞަތު ފަހިކޮށްދިނުމަށް ބީސީސީން ހިންގާ މަޝްރޫޢެއްކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މި ފެސިލިޓީ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ލޮޓް 10681 ގައެވެ. މި މަޝްރޫޢާއެކު ކުދި ވިޔަފާރިތަކަށް ލޮޖިސްޓިކަލް ސަޕޯޓު ފޯރުކޮށްދޭނެކަމަށް ބީސީސީން ބުނެފައިވެއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބީސީސީން ކަނޑައަޅާފައިވަނީ ޕާޓްނަރޝިޕް އުސޫލުން ކޮންޓްރެކްޓަރ ފައިނޭންސިންގ، ޖޮއިންޓް ވެންޗަރ ނުވަތަ ލީސް މޮޑެލް ހިމެނޭ ގޮތަށްކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ވެއަރހައުސިންގ އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން، އިމާރާތުގެ ޑިޒައިން، އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން އަދި ފެސިލިޓީ ހިންގާނެ ގޮތުގެ ތަފްސީލު ހުށަހަޅަންވާނެ ކަމަށް ބީސީސީއިން ބުނެފައިވެއެވެ. މީގެ އިތުރުން، ޕްރޮޕޯޒަލްގައި އެ ފަރާތުން ހުށަހަޅާ ޕާޓްނަރޝިޕް އުސޫލުވެސް ކަނޑައަޅަންޖެހޭނެއެވެ.
ބީސީސީން ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫޢަކީ ކުންފުނިން ކުދި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރު ސިނާޢަތްތަކަށް ފުޅާވެގެންދާނެ ފަދަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.