ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމަށާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމަށް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމްގެ ސަބަބުން ތަންފީޒީ އިދާރާތަކަށް ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ.
މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރުމުން، އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް ޒަމާނީ ފެންވަރުގައި އުޅަނދުތައް މޮނިޓަރކޮށް، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ފަސޭހަވެގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ. އަދި މި ނިޒާމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޓްރެކްކުރެވި، އުޅަނދުގެ ވެރިފަރާތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި އައު ނިޒާމް ތަޢާރަފްކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ބަދަލާއެކު ރާއްޖޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަމާއި ޤާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ.