އދ. ގެ ޕާޓްނަރޝިޕްސް އިން އިންތިޒާމުކޮށްގެން ބޭއްވި އެސްޑީޖީ ލައުންޖް ސެޝަންގައި ރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް ބައިވެރިވެވރިވެވަޑައިގެންނެވިއެވެ. މި ސެޝަން ބޭއްވުނީ މިހާރު ކުރިއަށްދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ 79 ވަނަ ދައުރުގެ ތެރޭގައެވެ.
މި ސެޝަންގައި މިނިސްޓަރ ޠާރިޤް ވަނީ މިޝަން 1.5 އާ ގުޅޭ ގޮތުން ޓައިމްގެ ނޫސްވެރިޔާ ޖަސްޓިން ވޯލަންޑްއާ އެކު ފަޔަރސައިޑް ޗެޓެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާނެ ގޮތަށް ހިފެހެއްޓުމުގެ މުހިންމުކަމާ މެދު އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން، މިނިސްޓަރ ޠާރިޤް ވަނީ ކުދި ޖަޒީރާ ޤައުމުތަކުން އެ ޤައުމުތަކުގެ އެންޑީސީ (ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން) ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދިނުމުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. މިކަމުގެ މުހިންމުކަން ފާހަގަކުރެއްވުމުން، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރައްވާކަން ހާމަވެގެންދިޔައެވެ.
މި ސެޝަނަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ސެޝަނެކެވެ. މިފަދަ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރެއްވުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އަޑު އުފުލުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.