އިނގެރޭސިވިލާތުގެ ހައި ކޮމިޝަނާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ދަރިވަރުންނާއި މުވައްޒަފުންނަށް ތަފާތު ތަމްރީނާއި އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމާޒުކޮށް، މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ބުދަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި، ޕޮލިޓެކްނިކްގެ ދަރިވަރުންނާއި މުވައްޒަފުންނަށް އިނގިރޭސިވިލާތުގައި ތަމްރީނުވުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ޕޮލިޓެކްނިކްގެ ކުރިއެރުމާއި ތަރައްޤީއަށް އިނގެރޭސިވިލާތާއި ޕޮލިޓެކްނިކް އިން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ބައްދަލުވުމުގައި، ކުރިއަށް އޮތް ތާނގައި، ދެ ޤައުމުގެ މަސްލަހަތު ހިމޭނޭހެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. މި ބައްދަލުވުމުގައި، ޕޮލިޓެކްނިކްގެ ފަރާތުން އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީންގެ އިތުރުން ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިނގެރޭސިވިލާތުގެ ހައި ކޮމިޝަނުގެ ފަރާތުން، އެ އިދާރާގެ ބައެއް އިސްބޭފުޅުންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށާއި، ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާ ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ތާނގައި ދެ ފަރާތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް އުންމީދުކުރެވެއެވެ.