ޔަހޫދީ ދައުލަތާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅިފައިވާ މައްސަލައަށް ރާއްޖެއިން ތަދައްޚުލްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޔަހޫދީ ދައުލަތާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅިފައިވާ މައްސަލައަށް ރާއްޖެއިން ތަދައްޚުލްވަނީ

ޔަހޫދީ ދައުލަތާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލްވާން ނިންމައި، އަންނަ ހަފްތާގައި އެކަމާ ގުޅޭ ލިޔެކިއުންތައް ހުށަހަޅާނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ޚާރިޖިއްޔާގެ މަލްޓިލެޓެރަލް ސެކްރެޓަރީ އަޙްމަދު ޝިޔާން ވިދާޅުވީ، މި މައްސަލައަށް ރާއްޖެއިން ވަނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ޤަތުލްޢާންމު ހުއްޓުވުމުގެ މުޢާހަދާގެ ދަށުން ޔަހޫދީން ޖަވާބުދާރީ ކުރުވުމަށް ކުރެވޭނެ ކަންކަން ބަލައި ދިރާސާކުރުމަށްފަހު، އޮކްޓޯބަރު 1 ވާ އާދީއްތަ ދުވަހު ނެދަލޭންޑްސްގެ ހޭގުގައި ހުންނަ އައިސީޖޭއަށް ލިޔެކިއުންތައް ހުށަ ހުށަހަޅާނެ ކަމަށެވެ.

"އެކެއް އޮކްޓޯބަރުގައި އަޅުގަނޑުމެން ލިޔެކިއުންތައް ހޭގަށް ސަބްމިޓް ކުރާނެ. މިވެސް ވަރަށް މަސައްކަތް. މިކަހަލަ ބައިނަލްއަޤްވާމީ ކޯޓަކަށް ދާން ޖެހޭއިރު ވާން ޖެހޭ ތައްޔާރީތަކާއި، އިޒްރޭލު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކޮށްފައި ހުރި ކަންތައްތަކާއި ކުރެވޭނެ ކަންތައްތައް ބަލައި، މުޠާލިޢާކޮށް އެއަށް ބަލައި ޖެނޮސައިޑް ކޮންވެންޝަންގެ ކޮން މާއްދާތަކެއްގެ ތެރެއިންތޯ ޖަވާބުދާރީ ކުރެވޭނީ. މިހުރިހާ ކަމެއް ބަލާފައި އެ ސަބްމިޓް ކުރަނީ،" ޝިޔާން ވިދާޅުވިއެވެ.

މި މައްސަލައަށް ތަދައްޚުލްވުމަށް ދިވެހިރާއްޖެއިން ނިންމީ މިއަހަރުގެ މާރިޗު މަހުގައެވެ. މި މައްސަލާގައި ދިވެހިރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބަންޑާރަ ނައިބު އަޙްމަދު އުޝާމެވެ. ރާއްޖެއިން މި މައްސަލައަށް ތަދައްޚުލްވުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގައި އެކަމަށް މަޝްވަރާކުރުމަށް ފަހުގައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގާ ޤަތުލުޢާންމު ކުށްވެރިކޮށް ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ 1948 ވަނަ އަހަރު އެކުލަވާލާފައިވާ ޤަތުލްޢާންމު މަނާކުރުމާއި އެކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެ މައްސަލަ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައެވެ.

 

މިއަދު އޮންލައިން