ރައީސް އަވަހާރަކޮށްލާނެކަމަށް ފާޅުގައި ބުނެ، އިންޒާރުދިން މައްސަލަ ޖުމްހޫރީ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރައީސް އަވަހާރަކޮށްލާނެކަމަށް ފާޅުގައި ބުނެ، އިންޒާރުދިން މައްސަލަ ޖުމްހޫރީ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލާނެކަމަށް ފާޅުގައި ބުނެ، އިންޒާރުދިން މައްސަލަ ޖުމްހޫރީ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި މީހަކު މިފަދަ އިންޒާރެއް ދީފައިވާތީ އެކަން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާނުގައި މި އަމަލު ސިފަކޮށްފައިވަނީ "ނިރުބަވެރި އަދި އެހާމެ ނުރައްކާތެރި" އަމަލެއްގެ ގޮތުގައެވެ. އަދި މިއީ "ގައުމުގެ އަމާންކަން ނަގާލައި، ގައުމުގައި އޮތް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނެތިކޮށްލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދާފަދަ ނާތަހުޒީބީ އަދި އެހާމެ ދަށުދަރަޖައިގެ އަމަލެއް" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި އަވަސް ފިޔަވަޅު އެޅުމަށް ޖުމްހޫރީ ޕާޓީން ވަނީ ގޮވާލާފައެވެ. "މި ނުރައްކާތެރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށް، އެ އަމަލު ހިންގި ފަރާތާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަވަސްކޮށް އެޅުމަށް ރާއްޖޭގެ ތަންފީޛީ އެންމެހާ އިދާރާތަކަށް" އެ ޕާޓީން ގޮވާލާފައިވެއެވެ.

ޖުމްހޫރީ ޕާޓީން އިތުރަށް ބުނެފައިވަނީ، ރައީސުލްޖުމްހޫމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އުފުލާ މުއައްސަސާތަކުން އެ ފަރާތްތަކުގެ ޤާނޫނީ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެކަން ޔަޤީންކުރާ ކަމަށެވެ. އަދި އެ ޕާޓީން އަބަދުވެސް އެދެނީ "މި ގައުމަށް ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުން މި ގައުމު ތާއަބަދުމެ ސަލާމަތްވެ އޮތުމަށް" ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި އިންޒާރު ދީފައިވަނީ އދ. ގެ އާންމު މަޖިލީހުގައި ރައީސް ތަގުރީރުކުރައްވަމުން ދިޔައިރު، އެ ތަގުރީރު ފޭސްބުކްގައި ލައިވްކުރަމުން ދިޔައިރުއެވެ. "އަބްލޯ މިއާދު ޔޫސުފް" ނަމަކަށް ކިޔާ އައިޑީއަކުން ކުރި ކޮމެންޓެއްގައި ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެފައިވާކަމަށް ވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

މިއަދު އޮންލައިން