ދަރިން ލިބުމުންވެސް ބަލައިބޮޑުކުރަން ބޭނުންނުވާ ގިނަ ބައްޕައިންނަށް ގިނަ ފަހަރު އޮންނަނީ މިފަދަ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލާންޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ދަރިން ލިބުމުންވެސް ބަލައިބޮޑުކުރަން ބޭނުންނުވާ ގިނަ ބައްޕައިންނަށް ގިނަ ފަހަރު އޮންނަނީ މިފަދަ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލާންޖެހިފަ!

އޭނާއަކީ ދަރިން ބޭނުންވި ފިރިހެނެއް ނޫނެވެ. ނަމަވެސް ކައިވެނީގެ 5 ވަނަ އަހަރު ފިރިހެން ދަރިއަކު ލިބުނެވެ. އައިރުޅީގައި ޑޮކްޓަރަކަށް ދައްކައިގެން އޮޕަރޭޝަންކޮށް އިތުރު ކުއްޖަކު ނުލިބޭނެ ގޮތް ހެދިއެވެ. 

ދަރިފުޅުގެ އުމުރުން 4 އަހަރުގައި މަންމަ ނިޔާވުމުން ފުރަތަމަ ކަމަކަށްވެސް އޭނާކުރިކަމަކީ ދަރިފުޅު ރޮއިއާދޭސްކުރަމުންދަނިކޮށް ގަދަކަމުން ގެންގޮސް ޔަތީމްޚާނާއަކަށް ދަރިފުޅު ލުމެވެ. އެހިސާބުން އޭނާއަށް ދަރިއަކު ލިބުނުކަން ހަނދާން ނައްތައިލިއެވެ. 

ދުވަސްކޮޅެއް ފަހުން ކުދިން ނުލިބޭ އަންހެނަކު ހޯދައިގެން ކައިވެނިކުރިއެވެ. އެ އަންހެންމީހާ އަކީ މަޝްހޫރު ޑޮކްޓަރަކަށްވުމުން ވަރަށް ގިނަ ފައިސާ ލިބޭ ޑޮކްޓަރެކެވެ. އެހެންވެ ތަނަވަސް އަންހެނަކާއި ކައިވެނިކުރެވުމުން އޭނާހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. ޙަޤީޤަތުގައި އޭނާ ދަރިން ބޭނުންނުވަނީވެސް ޚަރަދުކުރަންޖެހޭތީއެވެ. އޭނާއަކީ އެހައިބޮޑަށް ފައިސާއަށް ދަހިވެތި މީހެކެވެ. 

އަނބިމީހާ ކޮންމެ ހުކުރު ދުވަހަކު އޭނާ ކޮންމެވެސް ޔަތީމްޚާނާއަކަށް ގޮސް ހިލޭ ސާބަހަށް ކުދިން ބަލައިދެއެވެ. ކުދިންނާއިއެކު ވަގުތުވެސް ހޭދަކުރެއެވެ. އެގޮތުން ދިއަ ތަނަކުން ފެނުނު ކުޑަކުއްޖެކެވެ. ފިރިމީހާ އާއި ވައްތަރުކަމުން ގެއަށް ގޮސް އެވާހަކަ ދެއްކުމުން ބުނީ ދުވަހަކުވެސް އޭނާއަށް ކުއްޖަކު ނުލިބޭ ކަމަށެވެ. އަދި އޭނާހުރީ ދަރިއަކު ބޭނުންނުވާތީ ކުދިން ނުލިބޭނެ ގޮތްވެސް ހަދައިގެން ކަމަށެވެ. 

އަނބިމީހާއަށް އެވާހަކަތައް އެހައި ބޮޑަށް ޤަބޫލެއް ނުކުރެވުނެވެ. ޖެހިގެން އައި ހުކުރު ދުވަހު އެޔަތީމްޚާނާއަށް ގޮސް ކުއްޖާ ހޯދިއެވެ. އަދި އޭނާ އެތަނާ ޙަވާލުކުރީ ކާކުތޯ ބެލުމުން ލިޔުންތަކުން އެނގުނީ އެކުއްޖާ ޙަވާލުކުރީ އޭނާގެ ފިރިމީހާ ކަމެވެ. އަނބިމީހާ ވަގުތުން އެދުނީ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން އޭނާއަށް ހަމަޖައްސައިދިނުމަށެވެ. 

ޖެހިގެން އައި ހުކުރުދުވަހު ޔަތީމްޚާނާއަށް ގޮސް ކުއްޖާއާއި ޙަވާލުވެ ގެއަށް ގެންދިއައެވެ. ކުއްޖާއަށް އޭނާގެ ބައްޕަ ފެނުމާއިއެކު ގެއަށް ވަންނަން ބޮޑާހާކަންފެށުމުން ގެއަށް ވެއްދުނީ އެތައް އާދޭހެއްކޮށްގެންނެވެ. 

ދަރިފުޅު ގެއަށް ގެނައުމުންނާއި ދަރިފުޅުގެ ޤާނޫނީ ބެލެނިވެރިކަމާއި އަނބިމީހާ ޙަވާލުވުމުން ފިރިމީހާ ވަރަށް ރުޅިއައެވެ. އަދި ކުއްޖާ ގެންގޮސް ޔަތީމްޚާނާއަށްލުމަށްވެސް ބުންޏެވެ. ނަމަވެސް އަނބިމީހާގެ ޖަވާބުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. "ގެއިން ނުކުމެގެން ކަލޭދާށެވެ! އަމިއްލަ ދަރިފުޅުދެކެ ލޯބިނުވާ މީހަކު އެހެން މީހަކުދެކެވާނީ ކޮން ލޯތްބެއް ހެއްޔެވެ؟ އެއްވެސް ލޯތްބެއް ނުވާނެއެވެ. އަހަރެންދެކެ ލޯބިވާކަމަށް ހެދިގެން ތިއައުޅެނީ އަހަރެންނަށް ފައިސާލިބޭތީއެވެ. އެފައިސާގެ ދަހިވެތިކަމުގައެވެ. ވަރިކޮށްފައި އަވަހަށްދާށެވެ." 

ޑޮކްޓަރު އޭނާގެ އަމިއްލަ ދަރިއެއްފަދައިން ލޯބިދީގެން ގެންގުޅެ ކުއްޖާ ބޮޑުކުރިއެވެ. ކުއްޖާ ބޮޑުވެގެންވީވެސް ޑޮކްޓަރަކަށެވެ. އޭނާ ކޮންމެ ހުކުރު ދުވަހަކު ފަޤީރުން ބައިތިއްބާ ހޮސްޓެލްތަކަށް ގޮސް ހިލޭސާބަހަށް ބަލިމީހުން ބަލައިދެއެވެ. 

އެގޮތަށް މަސައްކަތްކުރަން ފެށިތަނާ ދެވުނު ހޮސްޓެލަކުން ބަލަންޖެހުނު އެކަކީ ޑޮކްޓަރުގެ ބައްޕައެވެ. ޑޮކްޓަރު އޭނާގެ މަސްއޫލިއްޔަތު އަދާކުރިއެވެ. ނަމަވެސް އިތުރުވާހަކައެއް ނުދެއްކުމުން ބައްޕައަށް ކެތްނުކުރެވިގެން ތިއައީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުކަމަށްބުނެ ބައްޕައާއި އެހީތެރިވެދޭން އެދުނެވެ. ހޮސްޓެލުން ގެއަށް ގެންގޮސްގެން ބަލައިދިނުމަށްވެސް އެދުނެވެ. 

ނަމަވެސް އެއްވެސް ޖަވާބެއް ނުދީ ޑޮކްޓަރު ނުކުމެގެންދިއައީއެވެ. އޭނާ ކުޑައިރު ބައްޕަ އޭނާދެކެން ބޭނުންނުވިފަދައިން އޭނާވެސް މިހާރު ބައްޕަ ދެކެން ބޭނުން ނުވާތީ އެއިގެފަހުން އެހޮސްޓެލަށްވެސް ނުދެއެވެ. ނަމަވެސް ކޮންމެ މަހަކުވެސް ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އެއީ ކޮންމެ ގޮތަކަށް ޢަމަލުކޮށްފައިވީނަމަވެސް އޭނާއަކީ ބައްޕަކަމަށްވީތީއެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ދަރިން ލިބުމުން ލޮލުން ދެކެލަންވެސް ބޭނުންނުވާ ބައްޕައިން ރާއްޖޭގައިވެސް ގިނަކަމުން މިފަދަ ވާހަކައަކުންވެސް އެންމެ މީހަކަށް ނަމަވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ކޮށްފާނެ ކަމުގެ އުންމީދުގައެވެ. އެކަނިޙާލުގައި ނިކަމެތިކަންމަތީގައި ބޮޑެތިވާ އެތައް ހާސް ކުދިންގެ ތެރެއިން އެންމެ ކުއްޖަކަށް ނަމަވެސް ފައިދާއެއް ކށްފާނެ ކަމުގެ އުންމީދުގައެވެ.

 

- ފާޠިމަތު / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

މިއަދު އޮންލައިން