ލޯބިވާވަރުން މައިންބަފައިންނާ ދެކޮޅަށް ކައިވެނިކުރި އަނބިމީހާ ތިމާ މަރާލަން ރާވާރޭވުންތަކުގެ ވާހަކަ ކޯމާގަ އޮވެގެން އިވުމުން ކުރާނެ ހިތިއަސަރު ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 42ސ
ލޯބިވާވަރުން މައިންބަފައިންނާ ދެކޮޅަށް ކައިވެނިކުރި އަނބިމީހާ ތިމާ މަރާލަން ރާވާރޭވުންތަކުގެ ވާހަކަ ކޯމާގަ އޮވެގެން އިވުމުން ކުރާނެ ހިތިއަސަރު ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

އަހަރެންނަކީ ތަނަވަސް މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މައިންބަފައިންނަށް ލިބިފައިވާ ތަނަވަސްކަމާއިއެކުގައި އަހަރެން ބަލައި ބޮޑުކުރީ ވަރަށް ރަނގަޅަށެވެ. ފިރިހެން ދަރިއަކަށްވުމުން ދަސްކޮށްދޭންޖެހޭ ހުރިހާ ކަމެއް ދަސްކޮށްދިނެވެ. އެންމެ ބޮޑު ސަމާލުކަމެއް ދިނީ ރިވެތި އަޚްލާޤަށެވެ. ދީނަށް ޙުރުމަތްތެރިކޮށްހިތުމަށެވެ.  

އަހަރެން ހުރިހާ ކަމެއްވެސް ކުރަމުން އައީ މަންމަމެންގެ ބަސް ޤަބޫލުކޮށްގެންނެވެ. އެންމެ ކަމެއްގައި ފިޔަވައެވެ. އެއީ ކައިވެނިކުރުމެވެ. އަހަރެންނަށް ލޯބިވެވުނު އަންހެން މީހާ މަންމަމެންނަކަށް ކަމަކު ނުދިއައެވެ. ޚާއްޞަކޮށް މަންމަ އޭނާ އާއި ވަރަށް ބޮޑަށް ދެކޮޅެވެ. މަންމަބުނީ އޭނާ ތެދުވެރިނުވާނެ ކަމަށާއި ތެދުވެރިއެއްގެ ކިބައިން ފެންނަންޖެހޭ ސިފަތައް އޭނާގެ ކިބައިން ނުފެންނަ ކަމަށެވެ.  

މަންމަގެ އެވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. ލޯބީގެ އަވާގައި ޖެހި ކައިވެނިކުރީއެވެ. ކައިވެނިކުރުމުން މަންމަމެން ދެކޮޅެއް ނުހަދައެވެ. ދިރިއުޅެން ވަކިން ގެއެއް ދިނެވެ. އަދި ދިރިއުޅެވޭނެ ވަރުގެ ރަނގަޅު މުސާރައެއްވެސް ހަމަޖެއްސިއެވެ. ކާރާއި އެހެންވަސީލަތްތައްވެސް ހޯދައިދިނެވެ.  

ކައިވެނީގެ ދެވަނަ އަހަރުފެށުނުތަނާ އެއްދުވަހަކު ގެއިން އޮފީހަށްދާން ނުކުމެ ކާރު ދުއްވަމުން ދިއައީމެވެ. ކުއްލިއަކަށް މޫނުމައްޗަށް އަނދިރިވީއެވެ. ދެންވީގޮތެއް ނުއެނގެއެވެ. ދެން އެނގުނީ އެއްޗެތިތަކެއް ގުޅާފައިހުރިކަމެވެ. ދެކެވޭ ވާހަކަތަކުން މިއޮވެވެނީ ހޮސްޕިޓަލުގައިކަން އެނގެއެވެ. ނަމަވެސް ލޮލެއް ނުހުޅުވެއެވެ. ޙަރަކާތެއް ނުކުރެވެއެވެ. ދުލުން ބަހެއް ނުބުނެވެއެވެ. އަހަރެންނަށް އޮވެވުނީ ކޯމާއެއްގައެވެ.  

އެހާލުގައި އޮންނަތާ އެއިރުވީ ކިތައްދުވަސްކަމެއް ނުއެނގެއެވެ. އަނބިމިހާ ތަންކޮޅެއް ދުރުގައި ހުރެގެން ކޮންމެވެސް މީހަކާ ދައްކާ ވާހައެއްގެ އަޑު އިވެއެވެ. "ހުރިހާ ކަމެއްވެސް ރޭވިގޮތަށް ކުރިއަށް އެބަދެއެވެ. ފިރިމީހާ ހޭއަރާނެ ކަމުގެ އެއްވެސް އުންމީދެއް މިހާރަކު ނެތެވެ. އަހަރެމެންނަށް ކާމިޔާބު ލިބޭނެއެވެ."  

އަހަރެންގެ ހިތުގައި ސުވާލުތައް އުފެދުނެވެ. "ކުރިއަށްދަނީ ކޮންކަމެއްގެ ރޭވުން ހެއްޔެވެ؟ މިއުޅެނީ ކޮން ބައަކަށް ކޮންކަމަކުން ކާމިޔާބުލިބެން ހެއްޔެވެ؟ އަހަރެން މިޙާލުގައި އޮވެ މަރުވާނީ ހެއްޔެވެ؟"  

އެއިގެ ތަންކޮޅެއް ފަހުގެ ދުވަހެކެވެ. އަހަރެންގެ ގާތުގައި ހުރެގެން އަނބިމީހާ ޑޮކްޓަރުގާތުގައި ބުންޏެވެ. "މިހާލުގައި ފިރިމީހާ އޮންނަތަން ބެލުމަކަށް ކެތެއް ނުކުރެވޭނެއެވެ. ހޭއަރާނެ ކަމުގެ އުންމީދު ނެތްނަމަ މެޝިންކަނޑާލާށެވެ." ޖަވާބުގައި ޑޮކްޓަރު ބުންޏެވެ. "އެކަމަށް އެދެންޖެހޭނީ އޭނާގެ މަންމަ އާއި ބައްޕައެވެ."  

އެދުވަހު ވަރަށް އަސަރުކުރިއެވެ. އަނބިމީހާ ބޭނުންވަނީ އަހަރެން އަވަހަށް މަރާލަންކަން އެނގުމުންނެވެ. އޭނާގެ ހިތުގައި އަމިއްލަ އެދުމެއް ނެތްނަމަ އެވާހަކަ ދައްކަންވީ ކީއްވެގެން ހެއްޔެވެ؟ ޚަރަދުކުރަނީ އޭނާއެއް ނޫނެވެ. އަހަރެންގެ މަންމަ އާއި ބައްޕައެވެ." އެހިސާބުން ކުރީދުވަހު އޭނާ މީހަކާއި ދެއްކިވާހަކަތަކާއި އެވާހަކަތަކާއި ގުޅުވައިލެވުނެވެ. ރޯން ބޭނުންނުވިނަމަވެސް ރޮވުނެވެ. ލޮލުން ކަރުނަތައް އޮހިގަތެވެ."  

އެއިގެ ދެތިން ދުވަސްފަހުން އަހަރެންނަށް ލޯހުޅުވައިލެވިއްޖެއެވެ. މަޑުމަޑުން ތުންފަތް ޙަރަކާތް ކުރެވިއްޖެއެވެ. އެއިރު ގާތުގައި ހުރީ އަހަރެންނަށް ޚިދުމަތްކުރަމުން އަންނަ ނަރުސްކުއްޖާއެވެ. އޭނާ އަވަސް އަވަހަށް ޑޮކްޓަރުންނަށް ގުޅައި ގެނުވިއެވެ. އަހަރެން ހޭއަރައިފިކަން ޑޮކްޓަރުންނަށް ޔަޤީންކުރެވުމުން އަނބިމީހާއަށާއި މަންމަމެންނަށް ގުޅުމުން ލޮލުން އެކަން މަނާކުރީމެވެ. އެކަން ސިއްރުކޮށްފައި ބާއްވައިދިނުމަށް އެދުނީމެވެ.  

އަނގައިން ބުނެވޭވަރުވީ ހޭއެރިތާ ދިހަވަރަކަށްދުވަސްފަހުންނެވެ. އެވަގުތުވެސް ކައިރީގައި ހުރީ ނަރުސްކުއްޖާއެވެ. ނަރުސްކުއްޖާ އާއި ޑީލެއް ހަދައިގެން އަނބިމީހާއަށް ސިއްރުން މަންމަމެން ގެނުވައި ބައްދަލުކުރީމެވެ. އަދި ހިނގާފައިވާ ކަންކަން ކިޔައިދިނީމެވެ. މަންމަމެންވެސް ބޭނުންވީ ހޭއެރިކަން އަނބިމީހާއަށް ނުއެންގުމަށެވެ. އެހެންވެ ގޮތްދައްކަން ބައެއް މެޝިންތައް ބެހެއްޓީ ގުޅައިފައެވެ.  

ހިނގައިލެވޭވަރުވުމުން އަނބިމީހާއަށް އަންގާވެސްނުލައި އެނބުރި އަންނަގޮތަށް މަންމަމެންނާއިއެކު ގެއަށް ދިއައީމެވެ. ދޮރުހުޅުވާފައި ގެއަށް ވަދެވުމުން ކުރިން ޝައްކުކުރެވުނު ހުރިހާ ކަމެއް ޔަޤީންކަމަށް ބަދަލުވެގެންދިއައެވެ. އަނބިމީހާ ސިޓުންރޫމްގެ ސޮފާގައި އިނީ އޭނާގެ ލޯބިވެރިޔާއާއިއެކު ބިކިނީގައެވެ. އަހަރެމެން ފެނުމުން ދެމީހުން އެކުގައި ތެދުވެގެން ދުވެފައި  މަތީބުރިއަށް އަރައިގެންދިއައެވެ.  

ބައްޕަ އެދެމީހުން ތިރިކުރުވިއެވެ. ވަގުތުން ގެއިން ނެރެ ފޮނުވައިލިއެވެ. ގެތަޅުލާފައި އެއްވެސް މީހަކު ވަނަނުދޭން ސެކިޔުރިޓީ ގާތުބުނެފައި އެނބުރި ހޮސްޕިޓަލަށް ދިއައީއެވެ. ޑޮކްޓަރުން އަހަރެން ދޫކޮށްލީ އެއިގެ މަސްދުވަސްފަހުންނެވެ.  

ބައްޕަމެން ގާތު ބުނެގެން ގޭގައި އަހަރެންގެ ކަންކަން ބަލަހައްޓަން ދުވަސްކޮޅަކަށް ހޮސްޕިޓަލުން ނަރުހަކު ގެނައީމެވެ. ނަޞީބަކުން އަހަރެން ކޮމާގައި އޮތް ދުވަސްތަކުގައި އަހަރެންނަށް ޚިދުމަތްކުރި ނަރުސް ހަމަޖައްސައިދިނެވެ.   

އެކަންވީ ހަމަ ލެއްވެވި ވަރަށް ބޮޑު ނަޞީބަކަށެވެ. އަހަރެން އެނާ އަނބުރައި ހޮސްޕިޓަލަކަށް ނުފޮނުވަމެވެ. އޭނާ އާއި ކައިވެނިކުރީއެވެ. ފިރިއަކަށް ޚިދުމަތްކުރުމުގަ އާއި ތެދުވެރިކަމުގައި އެފަދަ އަންތބަކު ދުނިޔޭގައިވެސް މަދުވާނެއެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަށް ވިސްނުނު ގޮތުގައި މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޯމާގައި އޮތްއިރު އަނބިމީހާގެ އެއަޑުތައް އިވުމުން އޭނާއަށް ކުރާނެ އަސަރެވެ. ހިތުގައި އިންސާނިއްޔަތުކަމުގެ ކުނޑިފަށެއް ނުވަތަ ޛައްރެއްގެ މިންވަރު އޮތް މީހަކުވެސް އެފަދަ ކަމެއް ނުކުރާނެއެވެ. އޭނާ އެ މަސައްކަތްކުރީ ފިރިމީހާ މަރާލާފައި އޭނާގެ ތަނަވަސްކަމަށް ވެރިވެގަންނާށެވެ. އެއިގެ އިތުރުން ކެތްމަދުވެގެން އެކަމުގެ ވާހަކަވެސް ފިރިމީހާއަށް އަދުއިވޭ ހިސާބުގައި ދެއްކީއެވެ. އަޅުގަނޑުގެ ހިތަށް އަރަނީ ހަމަ މިއަށްވުރެ ތާހިރުކޮށް ދުނިޔޭގައި ނުއުޅެވޭނީ ހެއްޔެވެ؟   

ދެން ފާހަގަކޮށްލަން ބޭނުންވަނީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައިވެސް އިޚްލާޞްތެރިކަމާ އޯގާތެރިކަން ކުރިއަށް ނެރުމުގެ ފައިދާއެވެ. ނަރުސްކުއްޖާއަށް އެހައިބޮޑު ނިޢްމަތެއް އެލިބުނީ އޭނާގެ އިޚްލާޞްތެރިކަމާއި އޯގާތެރިކަން ބޮޑުވީމައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.  

- ޙަނީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން