ރާއްޖޭގެ މެޑިކަލް ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމްތަކުން އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.
މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި މެޑިކަލް ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމްތަކުން އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ޗީފް އެޑްވައިޒަރ ޑޮކްޓަރ ޔޫނުސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ކަނޑުތަކާއި ގުޅިފައިވާ އިޤްތިޞާދީ ފުރުޞަތުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ފުރުޞަތުތަކުގެ ބޭނުން ހިފުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އާއި ޗީފް އެޑްވައިޒަރ ޑޮކްޓަރ ޔޫނުސްގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުން ޙިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.