އިންސާނުންގެ ވިސްނުން ބަދަލުވަމުން އައިސް ގިނަ ބައަކަށް މިހާރު ޤަބޫލުކުރެވެނީ ކޮންމެ ކަމެއްގައިވެސް އެންމެ ރަނގަޅު ގޮތް ވިސްނޭނީ ތިމާއަށް ކަމަށެވެ. އެހެންވެ މައިންބަފައިންދޭ ނަޞޭޙަތްވެސް ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ވަޞިއްޔަތެއް ކުރިނަމަވެސް ޢަމަލުކުރާކަށް ބޭނުމެއް ނުވެއެވެ. މިއީ ވަރަށްކޮށް ހިނގަމުން އަންނަ ކަމެކެވެ.
ހެޔޮލަފާ މައިންބަފައިން އެމީހުންގެ ދަރިންނަށް ނަޞޭޙަތްދީ ވަޞިއްޔަތްތައް ކުރަނީ އެމީހުންގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބަލައިގެންނެވެ. ދުނިޔޭގައި ފެނުނު ކަންކަމަށް ބަލައިގެންނެވެ. ހަމައެއާއިއެކު ހެޔޮލަފާ މައިންބަފައިންނަކީ އެމީހުންގެ ދަރިންނަށް އެއްވެސް ވަރެއްގެ ދެރައެއް ލިބެން ބޭނުންވާނެ ބައެއް ނޫނެވެ. ވީމާ ދަރިއަކަށް ކިތަންމެ ކުޑަނަމަވެސް ދެރަކަމެއް ލިބިދާނެ އެއްވެސް ކަމެއް ކުރާކަށް ނުބުނާނެއެވެ. އެއީ ދުވާލުގެ އިރު ފެންނަފަދައިން ޔަޤީންވާ ކަމެކެވެ.
މިވާހަކަކޮޅު މިބުނެލީ "އަޅުގަނޑުގެ މަންމައަކީ ވަރަށް ހެޔޮލަފާ މީހެކެވެ. ނަމަވެސް މަންމަ ކޮށްފައިވާ ބައެއް ވަޞިއްޔަތްތަކަކީ ކަތް ކަންކަން ކަމަށްވާތީ ކުރާހިތެއް ނުވެއެވެ. އެކަމަކުވެސް ކުރަންޖެހޭނެތޯ؟" ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
އަދި ޢިބްރަތެއްގެ ގޮތުން ތިރީގައިވާ ވާހަކަ ވިދާޅުވެލެއްވުމަށްވެސް އެދެމެވެ.
އަޅުގަނޑަކީ މަންމައާއި ބައްޕައަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އަޅުގަނޑުމެން އުޅެމުން އައީ ވަރަށް އުފަލުގައެވެ. މަންމަވެސް ބައްޕަވެސް އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ދެމީހުން އަޅުގަނޑުދެކެވެސް ވަރަށް ލޯބިވެއެވެ.
ބައްޕައަކީ ސަރުކާރުގައި ވަޒީފާއަދާކުރާ ވަރަށް އާދައިގެ މުވައްޒިފެކެވެ. މުސާރަ ވަރަށް ކުޑައެވެ. ނަމަވެސް މަންމައަކީ ފުއްދައިގެން އުޅެން ދަންނަ އަންހެނަކަށްވުމުން އުޅެމުން އައީ އެއްވެސް ވަރަކަށް ދަރަނިވެރިނުވެ ލިބޭ މިންވަރުން ފުއްދައިގެންނެވެ.
ކަންދިމާވިގޮތުން އަޅުގަނޑުގެ އުމުރުން 14 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. 15 އަހަރުގައި ބައްޕަ ދެވަނަ ކައިވެނިކޮށް ދޮންމަންމައަކު ގެއަށް ގެނެސްފިއެވެ. ދޮންމަންމަ ގެއަށް ގެނައި ހިސާބުން އަބަދުވެސް އިވެނީ ބައްޕައަށް ލިބޭ މިންވަރު މަދުވެގެން ޝަކުވާކުރާ އަޑެވެ. ދޮންމަންމަގެ ބޭނުންތައް ނުފުދިގެން ކަންބޮޑުވެގެން ދައްކާ ވާހަކަތަކެވެ.
ހުރިހާ ދޮންމަންމައިންނަކީ ނުބައި ބައަކަށް ނުވި ނަމަވެސް އަޅުގަނޑަށް ލިބުނީ ވަރަށް ނުބައި ދޮންމަންމައެކެވެ. ބައްޕަގެ ކުރިމަތީގައި އަޅުގަނޑަށް ވަރަށް ހެޔޮވާނެއެވެ. ބައްޕަ ފެންނަން ނެތްނަމަ ބުނާނީ އެންމެ ނުބައި ބަސްތަކެވެ. އަޅުގަނޑު ގެންގުޅޭނީ އަޅަކަށް ހަދައިގެންނެވެ. ބައްޕަގެ ކުރިމަތީގައި ދައްކާ މަންޒަރު ތަފާތުވުމުން ދޮންމަންމައާއިބެހޭގޮތުން އަޅުގަނޑު ދައްކާ ވާހަކަތައް ބައްޕައަށް ޤަބޫލެއް ނުކުރެވެއެވެ.
އެހެންވެ ފަހުން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކެތްތެރިވެގެން ހުރީއެވެ. ދުޢާކުރަމުން ދިއައީ 18 އަހަރު ފުރޭތަނުން ކައިވެނިކުރާނެ ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދިއެވެ. ތަނަވަސް ނޫންނަމަވެސް ލޯބިން އަޅުގަނޑު ގެންގުޅޭނެ ފިރިއަކަށް އެދިއެވެ.
ދުވަސްތައް މާޒީވަމުން ގޮސް 18 އަހަރު ފުރިއްޖެއެވެ. އެހިސާބުން ކުރިމަތިލާންޖެހުނީ އަންހެނެއްގެ ޙަޔާތުގައި ކުރިމަތިލާންޖެހޭނެ އެންމެ ބޮޑު ހިތްދަތިކަމާއިއެވެ. ދޮންމަންމަ ވަނީ މުސްކުޅިއެއްގެ އަތުން ބައްޕަލައްވައި ވަރަށް ގިނަ ފައިސާ ދަރަންޏަށް ނަންގުވައިފައެވެ. ރަހުނުކޮށްފައިވަނީ އަޅުގަނޑާއި އަޅުގަނޑުގެ ކައިވެންޏެވެ.
ވަރަށް ދެރަވިއެވެ. 60 އަހަރާއި ގާތްވެފައި ހުރި މީހަކާއި ކައިވެނިކުރަން ޖެހުމުންނެވެ. ކޮންމެއަކަސް އެޙާލަތުގައިވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ސަބަބަކީ ދަމުނަމާދަށް ރައްކައުތެރިވުމަށާއި ޢިއްފަތްތެރިކަން ހިމާޔަތްކުރުމަށާއި ބައްޕަގެ ހިތުގައި ޖެހޭނެ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް މަންމަ ވަރަށް ގިނައިން ވަޞިއްޔަތްކޮށްފައިވާތީއެވެ. މަންމަގެ ވަޞިއްޔަތަށް ޢަމަލުކޮށްގެން ދެރަގޮތެއް މެދުވެރިނުވާނެކަމުގެ ޔަޤީންކަން އޮންނާތީއެވެ.
ކޮންމެއަކަސް ކައިވެނިކުރެވިއްޖެއެވެ. އޭނާގެ ދަރިއަކު ނުހުންނާތީ ތަންކޮޅެއް ބޮލަށް ފަސޭހަވިއެވެ. އަދި އޭނާއަކީ އަޚްލާޤް ރަނގަޅު މީހަކަށްވުމުން އެކަމުގެ ހިތްހަމަޖެހުންވެސް ލިބުނެވެ.
އޭނާ އަޅުގަނޑު ގެންގުޅުނީ އަންތބަކު ގެންގުޅޭ ގޮތަކަށް ނޫނެވެ. ދަރިއަކު ގެންގުޅޭ ގޮތަށެވެ. އެނާއަކީ ބަލިމީހެކެވެ. އަބަދުހެން ހުންނަނީ ވަރުބަލިވެފައެވެ. އެހެންވެ އުޅެނީ އަޅުގަނޑާއި ވަރަށް ދުރުހެލިކޮށެވެ. އަޅުގަނޑަށްވެސް އޭނާ އާއިމެދު ކަންކަން ކުރެވެނީ ބައްޕައަކާއިމެދު ކަންކަންކުރާ ގޮތަށެވެ. ވީހައި ރަނގަޅަކަށް ޚިދުމަތްކުރަން މަސައްކަތްކުރަމެވެ.
ކައިވެނީގައި 3 މަސްވީތަނާ އޭނާއަށް އަމިއްލައަށް ވިސްނިގެން ގެއާއި މުދައު އަޅުގަނޑަށް ދީފިއެވެ. ކުރީ އެންމެ ޝަރުޠެކެވެ. އެއީ މަރުދުވަހާއި ހަމައަށް އޭނާއަށް ހެޔޮކޮށް ހިތައި އޭނާ ބަލައިދިނުމެވެ.
މިއަދުނޫހގެ ކިޔުންތެރިންނޭވެ! ކޯޓުން އެކަންކަން ނިންމިތާ މަހެއްހައިދުވަސްވެސް ނުވަނީސް ހާޓްއެޓޭކެއް ޖެހިފައި ފިރިމީހާ ނިޔާވެއްޖެއެވެ. ހަމަ ޙަޤީޤަތުގައިވެސް އެދުވަހު ވަރަށް ދެރަވިއެވެ. އެއީ ބައްޕައަކު ކަމުގައި ދެކިގެން ޚިދުމަތްކުރަމުން އައި މީހަކު އެހައި ކުއްލިގޮތަކަށް ނިޔާވުމުންނެވެ.
ފިރިމީހާ ނިޔާވި ދުވަސްނޫން އަނެއް ދުވަހު ބައްޕަ އާއި ދޮންމަންމަ ގެއަށް އައެވެ. ވަރަށް ހެޔޮކޮށް ހިތާފައި ބުނީމެވެ. "ބައްޕަ މިގޭގައި އަޅުގަނޑާއިއެކު ދިރިއުޅެންވެސްވީއެވެ. ނަމަވެސް ދޮންމަންމަ ދެން މިގެއަށް ވައްދައިގެން ނުވާނެއެވެ. ދޮންމަންމަގެ ބޭނުންތަކަށް ފައިސާ ހޯދަންވެސް އައިސްގެންނުވާނެއެވެ. ކަނޑަށް ފައިސާއަޅަމުންގޮސް ކަނޑުހިކުނަސް ދޮންމަންމަގެ ހިތެއް ނުފުރޭނެއެވެ. އަދި ދޮންމަންމައަކީ ދެފުށް ދެގޮތްކުރުމުގެ ނުބައި ސިފަ އިންތިހާއަށް ހުރި އަންހެނެކެވެ. 3 އަހަރު ދޮންމަންމަގެ އަނިޔާގައި ހޭދަކުރީމެވެ. އެކަމަކަށް ހިތްބުރަކަމެއްވެސް ނެތެވެ. މާފުވެސްކޮށްފީމެވެ. ނަމަވެސް ދެން ދޮންމަންމަގެ މޫނުވެސް ދެކޭކަށް ބޭނުމެއް ނޫނެވެ."
ގޭގައި އެކަނި ނޫޅެންވެގެން އެކުވެރި ދެމަފިރިއަކު ގެނެސް އެކުގައި އުޅޭތާ މަހެއްހައި ދުވަސްފަހުން ބައްޕަ އައިސް ބުނީ ދޮންމަންމަ ވަރިވެގެން ހިނގައްޖެކަމަށެވެ. މިވީގޮތަކީ ފިރިމީހާ މަރުވުމުން އޭނާއަތުން ހޯދަމުން ދިއަ ފައިސާތައް ލިބުން ހުއްޓުމުން ބައްޕަ އާއި ވަކިވީއެވެ.
އެހިސާބުން ފެށިގެން ބައްޕަގެ ގެ ކުއްޔަށްދީފައި ބައްޕަ ހުރީ އަޅުގަނޑުގެ ގާތުގައެވެ. ފިރިމީހާ މަރުވިތާ 6 މަސްފަހުން ދެވަނަ ކައިވެނިކޮށް ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.
އިތުރަށް ބުނާނެ ވާހަކައެއް ނެތެވެ. ހަމައެކަނި ބުނެލަން އޮތް ބަހަކީ މަންމަގެ ނަޞޭޙަތް ޤަބޫލުކުރާށެވެ. މަންމަގެ ވަޞިއްޔަތަށް އިޙްތިރާމްކުރާށެވެ. އަޅުގަނޑުގެ މަންމަ އަޅުގަނޑަށް އެކުރީ ހެޔޮލަފާ ކޮންމެ މައަކުވެސް ކުރާނެ ވަޞިއްޔަތެވެ. ޤަބޫލުކޮށް ޢަމަލުކޮށްފިނަމަ އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ
- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް