ޢިބްރަތްތެރި ވާހަކަ: މާލީ ތަނަވަސްކަން ނެތްޙާލުގަވެސް 2 އަންތބަށް ކައިވެނިކޮށް ދަރިން އިތުރަށް ނިކަމެތިކުރި ބައްޕައަކު މުސްކުޅިވުމުން ކުރަންޖެހުނު ތަޖުރިބާ! ރަނގަޅު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޢިބްރަތްތެރި ވާހަކަ: މާލީ ތަނަވަސްކަން ނެތްޙާލުގަވެސް 2 އަންތބަށް ކައިވެނިކޮށް ދަރިން އިތުރަށް ނިކަމެތިކުރި ބައްޕައަކު މުސްކުޅިވުމުން ކުރަންޖެހުނު ތަޖުރިބާ! ރަނގަޅު ފިލާވަޅެއް!

އެއިރު އަޅުގަނޑުމެންގެ ކައިވެންޏަށް 20 އަހަރެވެ. 5 ދަރިން ތިއްބެވެ. ދިރިއުޅެމުން ދިއައީ ވަރަށް ދަތިޙާލުގައެވެ. އަޅުގަނޑުގެ ކުޑަނަމަވެސް ބޯހިޔާވަހިކަމެއް ހުރިކަމުން ކުލި ދައްކަން ނުޖެހޭތީ މަގުމަތިނުވެ، ސަލާން ނުޖހައި ތިބެވެނީއެވެ.  

ފިރިމީހާ ބޭނުންވީ އިތުރު ކައިވެންޏެއްކުރާށެވެ. އަދި އަނބިމީހާވެސް އަޅުގަނޑުގެ ގެއަށް ގެންނާށެވެ. ބުނީ އެކަމަށް އެއްބަސްނުވާނަމަ ވަރިކޮށްލާފައި ދާނީ ކަމަށެވެ. އެހިސާބަށް ކަންކަން  ގެންދިއުމުން ފިރިމީހާ އެދުނުގޮތަށް އެއްބަސްވީމެވެ.  

ދަރިން ޤަބޫލެއް ނޫނެވެ. އަޅުގަނޑު ދަރިންނަށް ވިސްނައިދިނީމެވެ. ކެތްތެރިވެލާށެވެ. މިކަން މިކުރަނީ ތިއަކުދިންނަށްޓަކައެވެ. މިކަމުން ފައިދާކުރާނީ ތިއަކުދިންނަށެވެ. އަދި ފިރިމީހާ ގާތުގައި ބުނީމެވެ. ތިއަކުރާ ކަންތަކުގެ ސަބަބުން ފަހުން ހިތާމަކުރަން ޖެހިއްޖެނަމަ އަހަރެން ކުށްވެރި ނުކުރާށެވެ. އަހަރެން ރުހުން މިދިނީ ދަރިންގެ ނުޤަބޫލުގައެވެ.  

އޭނާ ދެވަނަ ކައިވެނިކުރިއެވެ. އަނބިމީހާ ގެއަށް ގެނައެވެ. ކުރިންވެސް ދަރިންގެ ބޭނުންތައް ފުއްދައި ނުދެވޭ ޙާލު ދެވަނަ ކައިވެނިކުރުމުން އަތްމަތި އިތުރަށް ދަތިވިއެވެ. ބޭނުންތައް ނުފުދިގެން ކުދިން ޝަކުވާ ކުރީމާ ފިރިމީހާ ބުނާނީ ކަލޭމެންނަށް ކާން ނުލިބެނީ ހެއްޔެވެ؟ ވީމާ ފިރިމީހާއަށް ވިސްނިފައި އޮތީ ދަރިންނަށް ކާންދިނީމާ ހުރިހާ ކަމެއް ކޮށްދެވުނީ ކަމަށެވެ. އިތުރަށް ކަމެއް ކޮށްދޭން ނުޖެހޭނެ ކަމަށެވެ.  

ދެވަނަ އަނބިމީހާއަށް ކެތްކޮށްލެވުނީ އެންމެ 4 މަސްދުވަހުއެވެ. ފިރިމީހާއަކީ 2 އަނބިން ގެންގުޅެވޭނެ ފެންވަރު ހުރި މީހެއް ނޫންކަން އެނގި އޭނާއަށް ދެއްކީ ދޮގުހުވަފެންތަކެއްކަން އެނގުމުން ވަރިވެގެން ހިނގައްޖެއެވެ.  

ދުވަސްތައް ފާއިތުވެ ދަރިން ބޮޑެތިވެއްޖެއެވެ. އެމީހުން އަމިއްލައަށް މަސައްކަތްކޮށްގެން ފައިސާ ހޯދަންފަށައިފިއެވެ. އަހަރެމެން ދެމީހުން މުސްކުޅިވެ ގައިބާރުދެރަވެއްޖެއެވެ. ހުރިހާ ކަމެއްގައި ދަރިންނަށް ބަރޯސާވާން ޖެހިއްޖެއެވެ.

ފިރިމީހާގެ ކަމަކަށް އޮންނަނީ ދަރިންގެ އެހީތެރިކަން ކުޑަކަމުން ޝަކުވާކުރުމެވެ. ފިރިމީހާ ކުރާ އެއްވެސް ޝަކުވާއެއްގެ އަޑު އެއްވެސް ދަރިއަކު ނުއަހައެވެ. އަބަދު އެވާހަކަދައްކާތީ ބުނީމެވެ. "ބަލަ ކަލެއަށް ކާން ނުދެނީހެއްޔެވެ؟ ހަމަގައިމުވެސް ކަލޭ އެކުދިންނަށް ކާންދިން ފެންވަރަށްވުރެ މާރަނގަޅު ފެންވަރުގައި އެކުދިން ކަލެއަށް އެބަ ކާނދެއެވެ." އޭނާ އަޅުގަނޑާއި ސުވާލުކުރީ ހަމައެކަނި ކާންދިނީމާ ނިމުނީހެއްޔެވެ؟ އަޅުގަނޑު ބުނީ އެސުވާލު އަމިއްލަ ނަފްސާއި ކުރުމަށެވެ. އަދި އެކަން އެގޮތަށް ނިންމީވެސް ކަލޭ އަމިއްލައަށް ކަމަށެވެ. މިއަދު ދެން ޝަކުވާނުކޮށް މަޑުން ހުރުމަށްވެސް ބުނީމެވެ.   

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މައިންބަފައިންނަށް ބާރުލިބިފައި އޮންނައިރު ދަރިންނާއިމެދު ހެޔޮކޮށް ނުހިތާނަމަ ޚާއްޞަކޮށް ތިމާއަށް ނުލިބޭ ޙާލުގަވެސް އިތުރު އަނބިން ގެންގުޅެން ބޭނުންވާ މީހުންނަށް މިފަދަ ކަންކަން މެދުވެރިވާނެއެވެ. އަތްމަތި ތަނަވަސް ނޫންނަމަވެސް ލިބޭ މިންވަރުން ދަރިންގެ ބޭނުންތައް ފުއްދައިދީގެން ދަރިން ގޮވައިގެން އުޅެން މަސައްކަތްކުރާނަމަ ފަހުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އެންމެ އަގުހުރި އެންމެ ބޮޑަށް ފައިދާކުރާނެ އިންވެސްޓްމަންޓަކީ ދަރިންނަށް ކުރާ ޚަރަދެވެ. ދަރިން ތަރުބިއްޔަތު ކުރުމެވެ. ވީމާ ދަރިން ނިކަމެތިކޮށްލާފައި އިތުރު އަނބިން ހޯދަމުން ދުވާނަމަ އެކަމުގެ ރަހަ ގިނަފަހަރު ހަމަ ވަރަށް ހިތިވާނެއެވެ.

 

-- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

މިއަދު އޮންލައިން