ސްޓެލްކޯ މޯލްޑިވްސްގެ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ 7 ވަނަ ބެޗް މިއަދު އެމްއެންޑީއެފް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ފަށައިފިއެވެ.
މިކަމާގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ސްޓެލްކޯގެ ޓީމް ބާރުވެރިކުރުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތުގެ މުހިންމު ބައެކެވެ. މި ބެޗްގައި ކުންފުނީގެ 51 މުވައްޒަފުން ބައިވެރިވެ، އެމީހުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްކުރާނެއެވެ.

ސްޓެލްކޯއިން މިހާތަނަށް 368 އަށްވުރެ ގިނަ މުވައްޒަފުންނަށް މި ތަމްރީނު ދީފައިވާއިރު، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ހުރިހާ މުވައްޒަފުންނަށް މި ފުރުޞަތު ފޯރުކޮށްދިނުމަށް ވަނީ އަޒުމް ކަނޑައަޅާފައެވެ. ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ކުރިއަށް ގެންދިއުމަށް ހުރިހާ ފެންވަރެއްގައި ވެސް ވަރުގަދަ ލީޑަރޝިޕް މުހިންމުކަމަށް ސްޓެލްކޯއްކޯއިން ޤަބޫލުކުރެއެވެ.

ހުސެއިން ފަހުމީ އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމް ކާމިޔާބުކުރުމަށް ސުޕްރީމް ކޮމާންޑަރ މުޙައްމަދު މުޢިއްޒު، ދިފާޢީ ވަޒީރު މުޙައްމަދު ޣަފޫރު މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލީޑަރޝިޕްގެ ފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުން ހަމައެކަނި ބައިވެރިވާ ފަރާތްތަކަށް އެކަންޏެއް ނޫން، ސްޓެލްކޯއަށާއި މުޅި ޤައުމަށް ވެސް ދެމެހެއްޓެނިވި ފައިދާ ކުރާނެ ކަމަށް ހުސެއިން ފަހުމީ ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަކީ ސްޓެލްކޯގެ މުސްތަޤުބަލަށާއި ޚިދުމަތްދޭ މުޖުތަމަޢުގެ ފުޅާ ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.