ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ގެ ސަލާމަތީ މަޖިލީހުގައި ފާހަގަކުރެއްވި ނުކުތާތަކަކީ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ މެންބަރުންވެސް ބަލައިގަންނާނެ ކަންކަން ކަމަށް އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޢަލީ ނަޞީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ޑިޕްލޮމަސީގައި ވަރަށް ހަރަކާތްތެރި ބޭފުޅެއްކަމަށާއި، އެމަނިކުފާނު ސަލާމަތީ މަޖިލީހުގައި ފާހަގަކުރެއްވި ނުކުތާތަކަކީ ސަލާމަތީ މަޖިލީހުގެ އިތުރުން އާންމު މަޖިލީހުގެ މެންބަރުންވެސް ބަލައިގަންނާނެ ކަންކަން ކަމަށެވެ.
"ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އާންމު މަޖިލީހުގެ މަސައްކަތްތައް ފަށައިގަންނާނެ. އައިޖީއެންގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާއިރު ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުންތަކަކީ އެހެން ބައެއް ޤައުމުތަކުން އެއާމެދު ސަމާލުވެ އޭގެ ބައެއް ތަފްސީލް އަޅުގަނޑުމެންނާއި އަދި އަޅުގަނޑުމެންގެ އެކީގައި މަސައްކަތް ކުރާ އެހެން ޤައުމުތަކުން ނެގޯސިއޭޝަންތަކުގެ ތެރެއިން ގެންދާނެ ކަމެއްގެ ގޮތުގައި އެހެން ޤައުމުތަކުންވެސް ދެކެނީ،" ޑރ. ޢަލީ ނަޞީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަލާމަތީ މަޖިލީހުގައި ދެއްވި ބަޔާނުގައި، ސަލާމަތީ މަޖިލީހަށް ކުރާ އިތުބާރު ކުޑަވަމުންދާ ސަބަބުތަކުގެ ތެރޭގައި އެ މަޖިލީހުގައި ހަމަހަމަ ގޮތެއްގައި ޤައުމުތައް ތަމްސީލު ނުވުމާއި، ޖަވާބުދާރީކުރުވުމަށް ނުކުޅެދުމާއި، ދެފުށް ފެންނަ ގޮތަކަށް މަސައްކަތް ނުކުރާކަން ހިމެނޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަލާމަތީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލުތައް ގެނެސް، ކުދި ޖަޒީރާ ޤައުމުތަކަށްވެސް އެ މަޖިލީހުން ގޮނޑިއެއް ޚާއްޞަކުރަންޖެހޭކަމަށާއި، ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ދީފައިވާ ވީޓޯކުރުމުގެ ބާރު އުވާލަން ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
މި ބަޔާނަކީ 22 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ނިއުޔޯކުގައި ބޭއްވުނު އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާނެވެ.