އެއީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ދޮށީ ފިރިހެން ކުއްޖާއެވެ. ބައްޕަ ނިޔާވިއިރު ފިރިހެންކުއްޖާ ވަނީ ކައިވެނިކޮށް ވަކިން ދިރިއުޅުމެއް އުޅެން ފަށައިފައެވެ. އެހެންކަމުން ބައްޕަ ނިޔާވުމަށްފަހު ގޭގައި އުޅުނީ މަންމައާއި ކޮއްކޮއެވެ.
ކުރިމަތިވި އެކްސިޑެންޓެއްގެ ސަބަބުން ކޮއްކައަށް ހިނގައެއް ނުއުޅެވެއެވެ. އިންނަން ޖެހެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެކަން މެދުވެރިވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަންމަވެސް ނިޔާވެ ކޮއްކޮ އެކަނިވެރިވުމުން ބޭބެ ނިންމީ ކޮއްކޮ އޭނާ ދިރިއުޅޭގެއަށް ގެންދާށެވެ. ގޭގައި މީހަކު ބަހައްޓައިގެން ބެލުމަށްވުރެ އެގޮތްވެސް މާރަނގަލުވާނެތީއެވެ.
ކޮއްކޮ ގެއަށް ގެންދިއުމުން އެކަމަކީ އަނބިމީހާ ރުހޭ ކަމަކަށް ނުވިއެވެ. އެހެންވެ އަނބިމީހާ ބޭނުންވީ ކޮއްކޮ ގެއަށް ފޮނުވާލާފައި މީހަކަށް މުސާރަދީގެން ބަލަހައްޓާށެވެ. ނަމަވެސް ފިރިމީހާގެ ވިސްނުން މުޅިން ތަފާތެވެ. ބުނީ ކޮއްކޮއަށް ބޭނުންވާނީ ހަމައެކަނި ބަލަހައްޓާނެ މީހެއް ނޫން ކަމަށާއި ބައެއްގެ ލޯބިވެސް ބޭނުންވާނެ ކަމަށެވެ. މަންމަ ނިޔާވުމުން ކޮއްކޮއަށް ބޭނުންވާ ލޯބި ދިނުމަކީ އޭނާއަށް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ފަހަރި ނުރުހޭކަން އެނގުމާއިއެކު އެދެމަފިރިންގެ ދިރިއުޅުމަށް ހުރަހަކަށް ނުވެ އެނބުރިގެއަށްދާން ކޮއްކޮ ބޭނުންވިއެވެ. ނަމަވެސް ބޭބެ އެކަމަކަށް ނުރުހުނެވެ. އެހެންވެ ކޮއްކޮ މަސައްކަތްކުރަމުން ދިއައީ ފަހަރީގެ ރުހުން ހޯދޭނެ ގޮތަކަށެވެ. ގޮނޑީގައި އިނދެގެންވެސް ގޭތެރޭގެ ކަންކަން ކުރުމަށާއި ކައްކަން އެހީތެރިވެދެވިދާނެ ކަމަށް ބުންޏެވެ. ނަމަވެސް ހިތުގައި އުފެދިފައިއޮތް ހަސަދަވެރިކަން ބޮޑުކަމުން ފަހަރި ބޭނުންވީ ކޮއްކޮ ދެރަކޮށް މާޔޫސްކުރުވާށެވެ. އެހެންވެ އެއްވެސް ކަމެއް އޭނާއަކާއި ޙަވާލެއް ނުކުރެއެވެ.
އެންމެ ފަހުން ދެރަވާފަދަ ބަސްތައްވެސް ބުނަންފެށީއެވެ. ދުވަހަކުވެސް ދެން ނުހިނގޭނެ ކަމަށާއި ކައިވެނިކުރާނެ މީހަކުވެސް ނުވާނެ ކަމަށް ބުންޏެވެ. އެފަދަ ބަދުބަސްތަކުގެ އަޑުއިވުމުން ވަރަށް ދެރަވި ނަމަވެސް އެކަން ފަހަރިއަކަށް ނުއަނގައެވެ. އަދި ބޭބެގެގާތުގައި އެފަދަ ވާހަކައެއްވެސް ނުދައްކައެވެ.
އެއްދުވަހަކު ފިރިމީހާ ގޭގައި ނުއުޅޭކަމަށް ހީކޮށް މަލާމާތާއި ފުރައްސާރަކުރި ދުވަހަކު ދެއްކި ވާހަކަތައް ފިރިމީހާއަށް އަޑުއިވުމުން ފިރިމީހާ ބުންޏެވެ. "ހަނދާންކުރާށެވެ! ކޮއްކޮގެ ހިތުގައި ޖެހޭނެ ކިތަންމެ ކުޑަ ކަމެއް ކުރިކަން އެނގުނު ނަމަވެސް ވަރިކޮށްފައި ފޮނުވައިލާނަމެވެ. އިން ޝާ ﷲ އަނބިން ލިބޭނެއެވެ. ނަމަވެސް ކޮއްކޮއަކު ނުލިބޭނެއެވެ."
ފިރިމީހާ އެފަދައިން ބުނުމުންވެސް އަނބިމީހާ ވިސްނައެއް ނުލައެވެ. އައީ ކޮއްކޮ ނިކަމެތިކުރަމުންނެވެ. ނިކަމެތި ބަސްތައް ބުނަމުންނެވެ. ދުވަސްކޮޅެއް ފަހުން ފިރިމީހާ ބުނީ ކޮއްކޮގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އުޅޭކަމަށާއި ބޭނުންނަމަ އެކުގައި ދެވިދާނެ ކަމަށެވެ. އަނބިމީހާގެ ދުލުން ބުނެވުނީ ވަރަށް ނުބައި ބަހެކެވެ. "ތިއައުޅެނީ މާފޮޅުވަންދާންވެގެންނެވެ. އެކަންކުރެވޭނީ ދެމީޙުން އެކަނި ދިއުމުންނެވެ."
އެހެން ބުނުމާއިއެކު ފިރިމީހާގެ ލޭ ކެކިގެންދިއައެވެ. "ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟ އަހަރެން ވަރަށް ކެތްކޮށްފީމެވެ. އިޞްލާޙްވޭތޯ އެތައް ނަޞޭޙަތެއް ދީފީމެވެ. ނުކުތް ނަތީޖާ ތިއަ ފެނުނީއެވެ! ކޮއްކޮ މިގޭގައި އިންނާތީ ކަލެއަށް ޖެހެނީ ކޮން އުނދަގުލެއް ހެއްޔެވެ؟ ކަލޭ ކައްކާ އެއްޗެތިން އެތިކޮޅެއް ކާކަން ފިޔަވައި ދެން ޖެހެނީ ކޮންކަމެއް ހެއްޔެވެ؟ މައްސަލައެއް ނެތެވެ. ތިއިނީ ވަރިކޮށްފައެވެ. އަވަހަށް މިގެއިން ނުކުމެގެންދާށެވެ."
އަނބިމީހާ ވަރަށް ދެރަވިއެވެ. ފިރިމީހާއަކީ ވަރަށް އަޚްލާޤް ރަނގަޅު ހިތްހެޔޮ މީހަކަށްވުމުން ހީކޮށްގެން ހުރީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިނަމަވެސް ވަރިނުކުރާނެ ކަމަށެވެ. ނަމަވެސް އެކަން މިވީ ކުރެވުނު ވަރަށް ބޮޑު ކުށްހީއަކަށެވެ. މިޖެހުނީ ގެއިން ނުކުމެގެންދާށެވެ. އަދި ދެން އެހައި ރަނގަޅު ފިރިއަކު ލިބޭނެކަން އެނގެނީއެއްވެސް ނޫނެވެ.
ކޮއްކޮ ގޮވައިގެން ބޭރަށް ދާކަށްވެސް ނުޖެހުނެވެ. އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރި އޮޕަރޭޝަން ކާމިޔާބުވެ ހިނގެން ފަށައިފިއެވެ. އެހައިދުވަސްވީއިރުވެސް މައިންބަފައިންގެ ތަރިކަވެސް ހުރީ ނުބަހައެވެ. އެހެންވެ ފުރަތަމަކަމަކަށް ތަރިކަ ބެހީއެވެ. ތަރިކަ ބެހުމަށްފަހު ދެބެއިންނަށް ލިބުނު ފައިސާ އެއްކޮށްލައިގެން ދެބެއިންވެގެން ކުޑަ ވިޔަފާރިއެއް ފެށީއެވެ.
ދެބެއިން ދެބައިވެރިން ހޯދައި ކައިވެނިވެސްކުރީއެވެ. ދެޢާއިލާވެސް ދިރިއުޅުނީ ބޭބެ މީހެއްގެ ބިންކޮޅެއް ދިގުމުއްދަތަށް ކުއްޔަށް ހިފައިގެން ޢިމާރާތްކޮށްގެން ކުރިން އުޅެމުން އައި ގޭގައެވެ. ކުލި ދެބެއިންނަށް ޙިއްޞާވާގޮތަށް މައިންބަފައިންގެ ގެ ކުއްޔަށް ދިނީއެވެ.
3 އަހަރުފަހެވެ. ދެބެއިންގެ ވިޔަފާރި އޮފީހެއް ހުރެއެވެ. 3 ފިހާރަ ހުރެއެވެ. ހިންގުމުގެ އިސްކޮށްތިބެނީ ދެބެއިންނާއި ބައިވެރިންނެވެ. ފިހާރަތަކަށް ސޭލްސް ގާރލްސް ބޭނުންވެގެން އިއުލާނު ޖެހުމުން ވަޒީފާ ހޯދަން އައި އެކަކީ ނުކުޅެދޭ އަންހެނަކަށްވުމުން ހަސަދަލައި ނުބައިކޮށް ކަންތައްކުރި ފަހަރިއެވެ. އޭނާއަށް ފިރިމީހާގެ ކޮއްކޮ ފެނުމުން ދިއައީ ސިއްސައިގެންނެވެ. ވަޒީފާއަށް އެދިގެން ދިއައީ އެމީހުންގެ ފިހާރައަކަށްކަން ނުވެސް އެނގިހުރެއެވެ.
އޭނާ ހީކުރީ އެދުވަހުގެ ވާހަކަދައްކައި ވަޒީފާ ނުވެސްދޭނެ ކަމަށެވެ. ނަމަވެސް ކޮއްކޮ ކަންތައްކުރީ އެގޮތަކަށް ނޫނެވެ. އެއިންއެއްވެސް ވާހަކައެއް ނުވެސްދައްކައެވެ. ކަމެއްވެފައިވާ ކަމަށްވެސް ނުހަދައެވެ. ވަގުތުން ވަޒީފާދިނީއެވެ. ނަމަވެސް ވަޒީފާގައި މަސައްކަތްކުރާއިރު ހުރިހާ މުވައްޒިފުންނާއިވެސް ގުޅިގެން މަސައްކަތްކުރަން ނަޞޭޙަތްތެރިވިއެވެ.
އެދުވަސްތަކުގެ އެއްވެސް ވާހަކައެއް ކޮއްކޮ ނުދެއްކުމުން އޭނާ އަމިއްލައަށް ކިޔައިދިނެވެ. "ހުރިހާ ގޯހެއް ހެދުނީ އަހަރެންނަށެވެ. ބޭބެ ކަހަލަ ރަނގަޅު ފިރިއަކު ލިބޭނީ މަދު އަންހެނަކަށެވެ. ފިރިމީހާ އެހާ ރަނގަޅުއިރު ހުރި އެންމެ ކޮއްކޮއަށް ހެޔޮކޮށް ހިތުމުގެ ބަދަލުގައި ނުބައިކޮށް ހިތުނީ އެއިރު ނަމާދާއި ދުރުކަމުންނެވެ. ޙަޤީޤަތުގައި އެދުވަހު އަހަރެން ވަރިކުރިކަން އެއީވެސް ބޭބެގެ ރަނގަޅުކަން ބޮޑުކަމުން ކުރިކަމެއްކަން މިއަދު ވިސްނެއެވެ. ވަރަށް ދެރަވެސްވެއެވެ. މާފަށްވެސް އެދެމެވެ.
މިދިއަ 3 އަހަރުތެރޭ 2 މީހުންނާ ކައިވެނިކުރީމެވެ. އެހެންވެ އެކުގައި ނުއުޅެވުނީއެވެ. މައިންބަފައިންވެސް ނިޔާވެއްޖެއެވެ. އަތްމަތި ވަރަށް ދައްޗެވެ. ކިޔެވިފައި ނެތުމުން މަތީވަޒީފާއެއްވެސް ނުލިބޭނެތީ އެހެންވެ މިވަޒީފާވެސް ލިބޭތޯ ކުރިމަތިލީއެވެ. ކުރިން ވެސް ތަންތަނަށް ކުރިމަތިލަމެވެ. އެކަމަކު އުމުރުން ދުވަސްވީމާ ނުލިބެނީއެވެ. ވަޒީފާ ދިންކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. ބޭބެއަށް ހެޔޮދުޢާ ސަލާމް ރައްދުކޮށްލަދެއްޗެވެ."
ކޮއްކޮ ބުނީ ނިމިގޮސްފައި ހުންނަ ކަންކަމުގެ ވާހަކަ އަލުން ދެއްކުމަކީ ކުރަން ރަނގަޅު ކަމެއް ނޫންކަމަށެވެ. އެއީ ހިތް ޠޯހިރު ނޫން، ހިތުގައި ޙަސަދަލައިގެން އުޅޭ މީހުން ކުރާ ކަމެއް ކަމަށެވެ. އެހެން ބުނީމާ ވަރަށް ލަދުވެސް ގަތެވެ.
އޭނާ ވަޒިފާއަށްވަންތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޕްރަމޯޝަންދީ މުވައްޒިފުންގެ ކަންކަން ބަލަހައްޓަން ޙަވާލުކޮށް ރަނގަޅު މުސާރައެއްވެސް ދޭން ފެށިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ވާހައިގައި ބުނި ނުބައި ފަހަރިއެވެ. މިކިޔައިދިނީ އަމިއްލަ ޙަޔާތުގައި ކަންކަން ދިމާވިގޮތުގެ ޥާހަކައެވެ. އެދުވަހު އެކަން ކުރެވުނު ގޮތާއިމެދު މިއަދު ވަރަށް ދެރަވެއެވެ. ކޮއްކޮއަށް ހެޔޮކޮށް ހިތުނުނަމަ މިއަދު އަޅުގަނޑު ހުންނާނީ ކިހައި އުފަލުގައިކަން އިޙްޞާޞް ކުރެވޭ ކޮންމެފަހަރަކު ލޮލުން މިހާރުވެސް ކަރުނަ އައުދެއެވެ.
އަޅުގަނޑު އެދެނީ އެދުވަހު އަޅުގަނޑަށް ކަންކަން ކުރެވުނު ގޮތަށް ހަމަ އެކަކުވެސް ކަންކަން ނުކުރުމަށެވެ. ޙަސަދަވެރިކަމާއި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ނުބައިކޮށް ކަންކަން ކުރުމުގެ ހިތިކަން މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާ ކިރެވިފައެވެ.
- ޢުމުރަށް ކަރުނައަޅަންޖެހިފައިވާ ފަހަރި- މިއަދުނޫހުގެ ކިޔުންތެރިއެއް