އެއީވެސް އެކަކު އަނެކަކުދެކެ ވަރަށް ލޯބިވާ ދެމަފިރިންނެވެ. ވަރަށް އުފަލުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާ ވަޒީފާ އަދައެއް ނުކުރެއެވެ. އޭނާ ބޭނުންވަނީ އަބަދުވެސް ފިރިމީހާގެ ޚިދުމަތުގައި އިންނާށެވެ.
ފިރިމީހާ ބޭނުންވަނީ އަނބިމީހާވެސް ވަޒީފާ އަދާކުރާށެވެ. އެއީ ދެމީޙުންގެ މުސާރަ އެއްކުރުމުން ތަނަވަސްކަން އިތުރުވާނެތީ ކަމަށްބުނެއެވެ. އަނބިމީހާ ބުނަނީ ބޯހިޔާވަހިކަން ދިނުމަކީ ފިރިމީހާއަށް ކުރަންޖެހޭނެ ކަމަށްވީނަމަވެސް ފިރިމީހާގެ ގެދޮރު ނެތުމުން އަނބިމީހާގެ ގޭގައި ދިރިއުޅޭތީ ކުލި ދައްކަން ނުޖެހޭކަން އެއީ އަނބިމީހާގެ ފަރާތުން ދިރިއުޅުމަށް ޙިއްޞާކުރާ މުސާރަ ކަމަށެވެ.
ކައިވެންޏަށް އަހަރެއްހައިދުވަސްވީތަނާ ފިރިމީހާ ގޯޅިއަޅައިފިއެވެ. ހިލޭ އަންހެނުން ހޯދަން ނުކުމެއްޖެއެވެ. ތަނަވަސް ދިރިއުޅުމެއް ބޭނުންވި މީހާ ހިލޭ އަންހެނުންނާއިއެކު ކޮފީތަކަށާއި ކެއުންތަކަށް ގޮސް ފައިސާ އިސްރާފުކުރަން ފަށައިފިއެވެ.
ކައިވެންޏަށް 3 ވަނަ އަހަރު ފިރިމީހާއަށް ކުރިމަތިވީ ވަރަށް ބޮޑު މައްސަލައެކެވެ. ލޯބިވެރިޔާ ބަލިވެއިނީއެވެ. ލޯބިވެރިޔާ ބުނީ ބަނޑަށް 3 މަސް ކަމަށެވެ. އެހެންކަމުން ކައިވެނިކުރުމުގެ ފުރުޞަތު ގެއްލުނީއެވެ. އެހިސާބުން ލޯބިވެރިޔާ އެދެން ފެށީ އޭނާ އިންނަތަނުގެ ކުއްޔާއި ބިލްތައް ދައްކައިދިނުމަށެވެ. ފިރިމީހާއަށް އެވަރަށް ފައިސާ ނުލިބޭތީ މައްސަލަތައް އައީ ބޮޑުވަމުންނެވެ.
އޭނާ ވިހަންވީއިރު 8 މަސްދުވަހުގެ ކުއްޔާއި 3 މަސްދުވަހުގެ ބިލްތައް ވަނީ ނުދެއްކިއެވެ. ވިހައިގަދަވިތަނާ އިންތަނުން ބޭރުކޮށްލުމުން ލޯބިވެރިޔާ ގާތު ބުނެވެސް ނުލައި ދަބަހަކަށް އެއްޗެތި އަޅައިގެން ދަރިފުޅު ގޮވައިގެން ދިއައީ އެދެމަފިރިން ދިރިއުޅޭގެއަށެވެ.
ލޯބިވެރިޔާއަށް ލިބުނު ސިހުމާއިއެކު އަނބިމީހާ ގާތުގައި ބުނީ އެއީ ބޮޑުދައިތަގެ ދަރިއެއް ކަމަށާއި ބަލިވެއިންތަނުން ވަރިކޮށްލީމާ އިންތަނުގެ ކުލި ނުދެއްކިގެން ގެއިން ބޭރުކޮށްލީ ކަމަށެވެ. އެހެންވެ ރަށަށްދާން ވަންދެން މިގޭގައި ބައިންދާލަދޭތޯ އައީ ކަމަށެވެ.
އަނބިމީހާއަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ އަންހެނެކެވެ. ދަރިއަކު ލިބުމަށް އެދިއެދިހުރި އަންހެނެކެވެ. އެހެންވެ ދެމައިން ގޭގައި ބައިތިއްބަން އެއްބަސްވިއެވެ. އަދި ވަރަށް ލޯބިން ކުއްޖާއަށް ކަންކޮށްދެމުން ގެންދިއައެވެ. ނަމަވެސް އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެއީ ކޮންމެ ރެއަކުވެސް ފެންވަރައިގެން ބޭރަށްދާތީއެވެ. ދަމުން ބުނަނީ ހިތްހަމަޖައްސާލަން އއެކުވެރިންނާއިއެކު ކޮފީއަކަށް ދަނީ ކަމަށެވެ. ފިރިމީހާ ބޭރަށް ނުގޮސް ގޭގައި އުޅޭ ރޭރޭވެސް ދެއެވެ. ވީމާ އޭނާ ބޭރަށް ދިއުމާއި ފިރިމީހާ އާއި ގުޅުވުން އޮތީ އުނދަގޫކަމަކަށްވެފައެވެ.
އަނބިމީހާ އެއްރޭ ބޭރަށް ގޮސްފައި ތަންކޮޅެއް އަވަހަށް ގެއަށް އާދެވުނު ރެއަކު ފިރިމީހާ ސިޓުންގރޫމްގައިވެސް ކޮޓަރީގައިވެސް ނެތުމުން އެއަންހެންމީހާ އުޅޭ ކޮޓަރިއަށް ގޮސް ދޮރުގައި ކަންފަތް ޖައްސައިލިއިރު ކޮޓަރިން ދެމީހުންގެ އަޑު އިވެއެވެ. އިވެނީ އާދައާ ޚިލާފްއަޑުތަކެވެ. ތަޅުގައި ހިފާލިއިރު ހުރީ ތަޅުލައިފައެވެ. ޑަބްލަ ތަޅުދަނޑި ގެނެސް ހުޅުވިއިރު ކަމަކުދާކަށް ނެތެވެ.
ދެމީހުންނަށް ވާހަކަދެއްކުމުގެ ފުރުޞަތުވެސް ނުދީ ބުނީ ވަގުތުން ދެމީހުން އެކުގައި ގެއިން ނުކުތުމަށެވެ. ދައްކާ އެއްވެސް ވާހަކައެއްގެ އަޑުއަހަންވެސް ބޭނުންނުވާކަމަށެވެ. އެހެން ބުނެފައި ދެމީހުންނާއި ދަރިފުޅު ގެއިން ނެރެލާފައި ކޯޓަށްގޮސް ވަރިވީއެވެ.
3 އަހަރުފަހެވެ. ފިރިމީހާ އާއި ދެމީހުންގެ އަހަރުވީ ކުޑަދަރިފުޅު ގޮވައިގެން ސިޓިންގރޫމްގައި ކުޅެން ތިއްބައި މީހަކު އައިސް ދޮރުގެ ރަނގަބީލު ޖެހުމުން ހުޅުވާލިއިރު ކުރީގެ ފިރިމީހާއެވެ. އޭނާއަށް އެއްޗެއް ބުނުމުގެ ފުރުޞަތުވެސް ނުދީ ބުންޏެވެ. "ކޮބާ ވަރަށް ރަނގަޅުވެއްޖެތާއެވެ! އެކަސްބީ އަންހެނާ ފިލައިފިދޯއެވެ! ދަރިފުޅަކީ ކަލޭގެ ދަރިއަކަށްވެސް ނުވިދޯއެވެ. ދަރިފުޅުގެ ޙަޤީޤަތް ފަޅާއެރުމުން ދަރިން ނުލިބޭ ދެމަފިރިއަކަށް ދަރިފުޅު ވިއްކާވެސް ލައިފިދޯއެވެ! އެދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. އަދަދު ނުއެނގޭހާ ގިނަ މީހުންނާއެކު ޒިނޭކުރީމާ ބައްޕައެއް ނުއެނގޭނެތާއެވެ. ކަލޭ ނޫނީ ޙަވާލުވާނެ މޮޔައަކު ނުވީ ނޫންހެއްޔެވެ؟ ދެން އިތުރަށް ވާހަކަދައްކާނެ ކަމެއް ނެތެވެ. އެއިނީ ފިރިމީހާއެވެ. އެއޮތީ އަހަރެންގެ ދަރިފުޅެވެ. ކަލެއަށް ދަރިއަކު ވިހައި ނުދެވުނީ ކަލެއަކީ ފަނިމަރުވެފައި ހުރި މީހަކަށްވާތީ ކަމަށްވެދާނެއެވެ. ދެންވެސް އުޅުން އިޞްލާޙްކޮށް ތައުބާވެ ތަންކޮޅެއް ތާހިރު ދިރިއުޅުމެއް އުޅެން ނިކަން ފަށައިބަލާށެވެ. ވަރަށް ހެޔޮ ދުޢާ ސަލާމް!" ބުނެފައި ދޮރުލެއްޕީ އޭނާއަށް އަނގައިން ބުނެލާނެ ފުރުޞަތުވެސް ނުދީއެވެ.
މިއަދުނޫހުގައި ލިޔަމުން ގެންދާ "ޙަޤީޤީ ޙާދިސާ" ސިލްސިލާގައި "މިބާވަތުގެ ދަރިން ވިހައިދޭ އަންހެނުން ވަރަށް ގިނަވެއްޖެ! ސަމާލުވެލައްވާ!" ސުރުޚީގެދަށުން ލިޔެފައިވާ ވާހަކަ ކިޔާފައި އަޅުގަނޑުވެސް ޙިއްޞާމިކުރީ ހަމަ އެފަދަ ވާހަކައެކެވެ. އަޅުގަނޑުގެ ބެސްޓީ ނައިނާގެ ޙަޔާތުގައި ކަންކަން ދިމާވިގޮތުގެ ވާހަކައެވެ. އޭނާގެ ފިރިމީހާއަށް އެފަދަ ދަރިއަކު ވިހައިދިން އަންހެނެއްގެ މަޅީގައި ޖެހުމުން އޭނާއަށް ޖެހުނު ޙާލުގެ ވާހަކައެވެ.
ނައިނާގެ މިހާރު 3 ކުދިން އެބަތިއްބެވެ. ދިރިއުޅެމުން އަންނަނީވެސް ވަރަށް އުފަލުގައެވެ. ދެރައީ މިބާވަތުގެ މަޅީގައި ޖެހޭ ފިރިހެނުން ގިނަވާކަމެވެ. އިޚްލާޞްތެރި އަނބިމީހާ ގޭގައި ބައިންދާފައި ނުކުމެ ލޯބިވެރިން ހޯދާބަލި ޖެހޭ ފިރިހެނުންނަށް މިފަދަ ވާހަކަތަކުން ޢިބްރަތެއް ލިބޭނެ ނަމައެވެ.
- ވަސީ / މިއަދުނޫހުގެ ކިޔުންތެރިއެއް