ދައުލަތުގެ އިންޓަރނަލް އޮޑިޓަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ "ދަ ސްޓޭޓް އިންޓަރނަލް އޮޑިޓު ސީ.ޕީ.ޑީ ޕްރޮގްރާމް" ފެށުމަށް ތައްޔާރުވެފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ އިންޓަރނަލް އޮޑިޓަރުންގެ މަޢުލޫމާތާއި ހުނަރުތައް އިތުރުކޮށް، އެންމެ ފަެ ފަހުގެ މިންގަނޑުތަކާއި، ގަވާއިދުތަކާއި އަދި ޕްރެކްޓިސްތަކަށް އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، އޮޑިޓަރުންގެ މެދުގައި ހުރި 'ނޮލެޖު ގެޕް' ފޫބެއްދުމާއެކު، ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު މަޤްޞަދެއްކަމުގައި މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވާ ހޯމަ ދުވަހުއެވެ. މި ޕްރޮގްރާމަކީ ދައުލަތުގެ އިންޓަރނަލް އޮޑިޓުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި މާލީ ވުޒާރާއިން ދެކޭކަމަށް ބުނެފައިވެއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ދައުލަތުގެ އިންޓަރނަލް އޮޑިޓަރުންގެ ފެންވަރު މަތިވެ، އެ ފަރާތްތަކުން ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލީ ހިންގުން އިތުރަށް ހަރުދަނާވެ، ޖަވާބުދާރީވުން އިތުރުވެގެންދާނެކަމަށްވެސް ބެލެވެއެވެ.